ޚަބަރު

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއަކަށް ކުރިމަތިލާން އަލުން ހުޅުވާލައިފި


  • ކޮމެޓީ އެކުލަވާލަނީ މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ކޮންސްޓްރަކްޝަން ދާއިރާއިން

  • ފުރުސަތު ހުޅުވާލާފައިވަނީ މާރިޗުމަހުގެ 3 ވަނަ ދުވަހާ ހަމައަށް

އިޤްތިޞާދީ 3 ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ،" އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީއަށް 14 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީއަށް 13 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާކަމަށާއި، ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީއަށް 11 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ކޮންސްޓްރަކްޝަން ދާއިރާގެ އެޑްވައިޒަރީ ކޮމިޓީ ތަމްސީލުކުރާ ދާއިރާތަކާއި މެންބަރުންގެ އަދަދު:

• އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާއަތްތައް - 3
• ސިވިލް / ސްޓްރަކްޗްރަލް އިންޖިނިއަރިންގގެ ދާއިރާ - 1
• އާކިޓެކްޗަރގެ ދާއިރާ - 1
• ކުއެންޓިޓީ ސަރވޭއިންގގެ ދާއިރާ - 1
• ޖެނެރަލް ބިލްޑިންގ/ ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން - 1
• ހާބަރ ކޮންޓްރެކްޓަރުން - 1
• ޔޫޓިލިޓީ ކޮންޓްރެކްޓަރުން - 1
• އިމާރާތްކުރުމުގެ ދާއިރާއާގުޅޭ ތަކެތި އެތެރެކޮށް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތްތައް - 1
• މީހުން ބިނާކުރުމުގެ ދާއިރާ (ޕޮލިޓެކްނިކް، ޔުނިވަރސިޓީ އަދި ކޮލެޖް ފަދަ ތަންތަން) - 1
• ކޮންސްޓްރަކްޝަން މެނެޖްމަންޓް / ޕްރޮޖެކްޓް މެނެޖްމަންޓުގެ ދާއިރާ - 1
• ބިލްޑިންގ ސަރވިސަސް އިންޖިނިއަރިންގގެ ދާއިރާ - 1

ޓޫރިޒަމް ދާއިރާގެ އެޑްވައިޒަރީ ކޮމިޓީ ތަމްސީލުކުރާ ދާއިރާތަކާއި މެންބަރުންގެ އަދަދު:

• ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުން. (ޓޫރިސްޓް ހޮޓާ / ރިސޯޓް / ގެސްޓްހައުސް އޮޕަރޭޓަރުން، ޓްރާންސްޕޯޓް އޮޕަރޭޓަރުން-އެއަރލައިން އެއަރޕޯޓްތައް، ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓަރުން، ޓްރަވެލް އެޖެންސީތައް) - 4
• ފަތުރުވެރިކަމުގެ ދާއިރާގެ ޢިލްމީ / ފަންނީ ތަޖުރިބާކާރުން. (ޓޫރިޒަމް ޑިވެލޮޕްމަންޓް / ސަސްޓެއިނަބިލިޓީ / ކަލްޗަރ އެންޑް ހެރިޓޭޖް / އިކޮނޮމިކްސް / މާކެޓިންގ / އިނޮވޭޝަންގެ ދާއިރާ) - 1
• ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަދަނީ ޖަމުޢިއްޔާ ޖަމާއަތްތައް - 1
• ހޮސްޕިޓަލިޓީ އެންޑް ގެސްޓް ސަރވިސަސް - 1
• ފުޑް އެންޑް ބެވަރެޖް - 1
• ހައުސް ކީޕިންގ - 1
• ރެކްރިއޭޝަން އެންޑް އެންޓަރޓެއިންމަންޓް - 1
• މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން - 1
• ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް - 1
• ސަފާރީތަކާއި ލިވްއަބޯޑް އަދި ބެއަރބޯޓްގެ ޚިދުމަތްދޭ ފަރާތްތައް - 2

މަސްވެރިކަމުގެ ދާއިރާގެ އެޑްވައިޒަރީ ކޮމިޓީ ތަމްސީލުކުރާ ދާއިރާތަކާއި މެންބަރުންގެ އަދަދު:

• މަސްވެރިން - 2
• އޮޑިވެރިން - 2
• ކެޔޮޅުން - 2
• މަސްވެރިކަމާއި މެރިކަލްޗަރގެ ޢިލްމީ / ފަންނީ ތަޖުރިބާކާރުން - 2
• މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން. (އިންޑަސްޓްރިއަލް އޮޕަރޭޓަރުން، ޕްރޮސެސިންގ ފެސިލިޓީތައް، އެކްސްޕޯޓަރުން، އެކުއަކަލްޗަރ / މެރިކަލްޗަރ ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތައް) - 3

ރައީސް އޮފީހުން ވިދާޅުވީ، މި 3 ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހު ހެނދުނު 8:30އިން މެންދުރު 12:00އަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެ އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ކަމަށެވެ.

އަދި ފޯމުތައް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ވިދާޅުވިއެވެ. އެބްސައިޓުގެ އެޑްރެހަކީ، residency.gov.mv އެވެ.

މި ތިން ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 3 ވާ އަންގާރަ ދުވަހުގެ 12:00އާ ހަމައަށެވެ.