ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރު ޙައްވާ ނަސްރާ ސައީދު ހަމަޖައްސައިފިއެވެ.
ފީފާގެ އިޖުތިމާއީ ދައުރު ފުޅާކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރާ މި ކޮމިޓީގައި ނަސްރާ އަދާކުރާނީ 4 އަހަރުގެ ދައުރެކެވެ. އޭނާގެ ދައުރު ހަމަވާނީ 2029 އަށެވެ.
ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ މިޔަންމާގެ ޒޯޒޯއެވެ. އަދި ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސާފައިވަނީ އާޖެންޓީނާގެ ޒަވިޔާ ޒަނެއްޓީއެވެ.
މި ކޮމީޓީގައި ތިބެނީ ޖުމުލަ 22 މެންބަރުންނެވެ.
ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ޔަމަން، އިތިއޯޕިއާ، ބެނިން، އެންޑޯރާ، ބްރެޒިލް، ޗިލީ، ކުކް އައިލެންޑް، ނޮދާން އަޔަލެންޑް، އުރުގުއޭއީ، ސްޕެއިން، އެންގޯލާ، ސްލޮވީނިއާ، ނޭޕާލް، ފެއޯއީ އައިލޭންޑް، ރޮމޭނިއާ، ބަހާމާސް، ނެމީބިއާ، ޑޮމިނިކަން ރިޕަބްލިކް، އަދި ޗާޑްގެ މެންބަރުންނެވެ.
ފީފާއިން ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރަމުން އަންނަ އިރު ރާއްޖޭގެ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤަކީ ފީފާގެ ޓެކްނިކަލް ކޮމިޓީގެ މެންބަރެކެވެ.
ފީފާގެ ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީއަކީ ތަފާތުކުރުންތައް ނައްތައިލައި، އިންސާނީ ހައްގުތަކާއި އިޖުތިމައީ ހެޔޮ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާ ކޮމިޓީއެވެ.
މި ކޮމިޓީގައި ތައުލީމުގެ ޒަރިއްޔާއިން މީހުން ހޭލުންތެރިކުރުން ހިމެނޭއިރު ނަސްރާއަކީ ތައުމީ ދާއިރާގެ ޚިދުމަތްތެރިއެކެވެ. އދ. މަހިނބަދޫއަށް ނިސްބަތްވާ ނަސްރާއަކީ މުދައްރިސެކެވެ. އޭނާ ވަނީ ތައުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މަސައްކަތް ކުރައްވަނީ ހިރިޔާ ސުކޫލުގައެވެ.