ސިޔާސީ

އެމްޑީޕީން ކުރަނީ ޑިމޮކްރަސީއާ ބީރައްޓެހި މަސައްކަތެއް- މޫސަ


އެމްޑީޕީން ބަޔަކު އިސް ސަފުގައި ބައިތިއްބައިގެން މިއަދު އެކުރާ މަސައްކަތަކީ، ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ޚުދުމުޚުތާރު އުޞޫލުތަކެއް އެޕާޓީ ތެރޭގައި ހުރި ކަން ދޭހަވާ ކަމެއްކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

"އެމް.ޑީ.ޕީ ޑިމޮކްރަސީގެ މަގަށް" މިނަމުގައި މޫސާ މަނިކާއި، އެމް.ޑީ.ޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ އިސްކޮށް ތިއްބަވައިގެން ޕާޓީ އިޞްލާޙްކުރުމަށް މަސަކަތް ފެއްޓެވިކަން އިޢުލާންކުރައްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މޫސާ މަނިކު ވިދާޅުވީ، އޭނާ އެމް.ޑީ.ޕީން އޭނާ ވަކިކުރެއްވިކަމަށް ބުންޏަސް އެއީ ޤާނޫނީ ގޮތުންވެސް ޞައްޙަ ވާހަކައެއް ނޫންކަމަށާއި، އެމް.ޑީ.ޕީ އުފެދުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހުންނަވަނީ އެމް.ޑީ.ޕީގައިކަމަށެވެ. މޫސާ މަނިކު ސިފަކުރެއްވީ އެމްޑީޕީގެ ލީޑަރޝިޕެއް މިހާރު ނެތް ކަމަށާއި، އިއްތިޙާދެއް ގެނައުމަށް މުޅި ޕާޓީ ބަދަލުވެފައިވާކަމަށެވެ. 

މޫސަ ވިދާޅުވި ގޮތުގައި އެމް.ޑީ.ޕީ ބޭނުންކުރަމުންދަނީ، ވަކި ބަޔެއްގެ ހިތުގައި ހުރި އުދާސްތައް މިހާރުގެ ސަރުކާރަށް އޮއްސާނެ ސިޔާސީ ޓޫލެއްގެ ގޮތުގައިކަމަށް މޫސާ މަނިކު ވަނީ ތުހުމަތުކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/2702.jpg|ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު- (ފޮޓޯ: މަޖިލިސް)

" މައިގަނޑުކޮށް އެމް.ޑީ.ޕީން ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް އޮޔާ ގޮސް އެމް.ޑީ.ޕީއަށް ވަރަށް ގިނަ އަނިޔާތަކާއި ގެއްލުންތައް ދީފައި ތިބި ބަޔަކާއެކީގައި ޕާޓީ ހައިޖެކްކުރެވިގެން އެމް.ޑީ.ޕީގެ މަސަކަތްތަކުގެ ތެރޭގައި މުޅިން އެހެން ބަޔަކު ޝާމިލުވެ، ޤާނޫނީ އިމުގެބޭރުން ކަންކަން ކޮށް ދިވެހިރާއްޖޭގައި އެމް.ޑީ.ޕީން ކުރަންޖެހޭ މަސަކަތްތަކުގެ ބޭރުން އެތައްކަމެއް ކުރެވިގެން މިދަނީ. އޭގެ ސަބަބުން، ރައްޔިތުން ހާސްވެ ރައްޔިތުން ސަރުކާރު ޖަވާބުދާރީކުރަން ކުރަންޖެހޭކަންކަން ބަންދުވެ ހަމައެކަނި ވެރިކަން ބޭނުންވެގެން ވާހަކަތައް ދެކެވެމުން މިދަނީ." މޫސަ ވިދާޅުވިއެވެ. 

މޫސަ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ބުރަދަން އެންމެ ރަނގަޅަށް ރައްޔިތުންނަށް ދައްކުވައިދެވޭނީ އިންތިޚާބުތަކުން ލިބޭ ކާމިޔާބީއަކުން ކަމަށްވާއިރު، އެމް.ޑީ.ޕީއަށް ޤާނޫނީ ގޮތުން އޮތް ތާއީދު އެންމެ އަވަހަށް ފެންނަން ކުރިއަށް އޮތް ލޯކަލްކައުންސިލްތަކުގެ އިންތިޚާބާއި، 2018 ގެ ރިޔާސީ އިންތިޚާބަށްވެސް ޕާޓީން ތައްޔާރުވާން ޖެހޭކަމަށެވެ.

މޫސަ ވިދާޅުވީ، ޕާޓީ ބައިބައިކޮށް ފެކްޝަން ހެދުމަށް ބޭނުންނުވާކަމަށެވެ. ވަކި ފިކުރަކަށް އެމްޑީޕީގެ ކަންކަން ނުނިންމައި މިވަގުތު ޕާޓީގެ އިސް ސަފުގައި ތިބި މީހުން ޕާޓީގެ ކަންކަން ހަރުދަނާކުރުމަށްވެސް މޫސަ ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަކީ ރައީސް ނަޝީދު ކޮންޓްރޯލްކުރައްވާ ޕާޓީއެކޭ ނުކިޔޭ ފެންވަރަށް މަސަކަތް ކުރައްވާނެކަމަށެވެ.

"އެމް.ޑީ.ޕީ އަށް އަހަރެއްގެ މައްޗަށް 14 މިލިޔަން ރުފިޔާ އެބަލިބޭ. މިފައިސާއަކީ ރައްޔިތުންގެ ތެރޭގައި ޕާޓީގެ ދާއިރާތަކުގައި ބެހެވިގެންދާން ޖެހޭނެ އަދި އިންތިޚާބުތަކަށް ޚަރަދުކުރަން ޖެހޭ ފައިސާ. ދައުލަތުންދޭ މިފައިސާއަކީ، ޕާޓީއަށް ބޭރުން ގެނެސްފައިތިބި ބައެއް މީހުން ޕްރޮމޯޓް ކުރުމަށްޓަކައި ޚާރަދުކުރެވޭ ފައިސާއަކަށް ވެގެން ނުވާނެ. އެމް.ޑީ.ޕީ އަކީ ރައީސް ނަޝީދު ކޮންޓްރޯލްކުރާ ޕާޓީއެކޭ ނުކިޔޭވަރު ކުރާނަން އެފެންވަރު އެބަހުރި" މޫސަ ވިދާޅުވިއެވެ.