ރަމަޟާން މަހާ ކީރިތި ޤުރުއާނާ ދެމެދުގައިވާ ގުޅުމަކީ އަޅުގަނޑުމެން އެއްވެސް މުސްލިމަކަށް ވަންހަނާވެގެންވާ ގުޅުމެއް ނޫނެވެ. އަދި އެއީ ވަންހަނާވެގެން އޮންނަންވާނެ ގުޅުމެއްވެސް ނޫނެވެ. ރަމަޟާން މަހަކީ ޤުރުއާނުގެ މަހެވެ. އެމަހުގައި ޤުރުއާން ބާއްވާލެއްވުނު މަހެވެ.
ޤުރުއާން ބާއްވާލެއްވުނީ ލައިލަތުލްޤަދުރިގެ ނަމުން މާތްﷲ ނަންދެއްވާފައިވާ މަތިވެރި ޤަދަރުވެރި ރޭގައެވެ. އިބުނި ޢައްބާސް ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާން ލައިލަތުލްޤަދުރި ވިލޭރޭ ދުނިޔޭގެ އުޑަށް އެއްފަހަރާ ބާއްވާ ލެއްވިއެވެ. އެހެން ދަންނަބޭކަލުންގެ ކިބައިން އައިސްފައިވާ ގޮތުގައިވެސް ކީރިތި ޤުރުއާން ލައުޙުލްމަޙްފޫޡުން ދުނިޔޭގެ އުޑަށް ބާއްވާލެއްވެވި ލައިލަތުލް ޤަދުރި ވިލޭރެއެވެ. މިއިން އެނގެނީ ލައިލަތުލްޤަދުރި ވިލޭރޭ ޤުރުއާން ބާއްވާލެއްވެވި ގޮތެވެ.
ކީރިތި ރަސޫލާގެ މައްޗަށް ޤުރުއާން ބާއްވާލެއްވުނީ ތޭވީސް އަހަރުގެ ތެރޭގައެވެ. އެކަލޭގެފާނުގެ މައްޗަށް ޤުރުއާނުން ބާއްވާލެއްވުނު ފުރަތަމަ ފަސް އާޔަތް ބާއްވާލެއްވުނީ ތާރީޚީ ފޮތްތައް ބުނާ ގޮތުގައި ރަމަޟާން މަހެއްގެ ސަތާރަވަނަ ދުވަހުއެވެ. އަޅުގަނޑުގެ މި މަޟްމޫނުގައި ބަލާލެވޭތޯ ބަލާނީ “ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ١ “ މި އާޔަތުގެ މައްޗަށެވެ. މި އާޔަތުގެ ލަފްޡީ މާނައަކީ ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ ނަންފުޅުން ފައްޓަވައިގެން ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެއީ ހުރިހާ އެއްޗެއް ހެއްދެވި ފަރާތެވެ.
ކީރިތި ޤުރުއާނުން ބާއްވާލެއްވުނު މި އާޔަތްތަކަކީ ތަފާތު މާމެލާމެލިން ފަރިވެ ފޮޅިވެފައިވާ ބަގީޗާއެކެވެ. އިންސާނާ އެދޭ ކޮންމެ މަލެއް އެ ބަގީޗާއިން ބިދެ އޭގެ މީރުވަސް ލިބިގަންނަންވީއެވެ. ކީރިތި ޤުރުއާނުން ބާއްވާލެއްވެވި ފުރަތަމަ އާޔަތްތަކީ މާނަތަކުން މުއްސަނދިވެގެންވާ ބަލާޣާތްތެރި ކުރު އާޔަތެކެވެ. ބައެއް ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ މުޅި ޤުރުއާނުގެ މައިގަނޑު އަސާސެވެ. މި މަތިވެރި އާޔަތުގައި އެތައް މަގަކަށް އަޅުގަނޑުމެންގެ ސަމާލުކަން ދަމައިގެންފައި ވެއެވެ. އަޅުގަނޑުމެންގެ ލޯތައް ހުއްޓުވާލާނީ އެންމެ ފުރަތަމަ ޢިލްމަށެވެ. އެއީ ޙަޟާރަތާ ތަހުޛީބާއި ހޭލުންތެރިކަމާއި އަލުން ބަޔަކު ނުވަތަ ޤައުމެއް ދިރުމުގެ އަސާސެވެ. އެއްވެސް ޤައުމެއް ހޭލަން މަސައްކަތްކުރާއިރު ޢިލްމު އޭގެ އަސާސެއްކަމުގައި ނުބަލާ ހޭލެވޭކަށް ނޯންނާނެއެވެ.
ކީރިތި ޤުރުއާނުން ބާއްވާލެއްވި ފުރަތަމަ އާޔަތުގެ ފުރަތަމަ ލަފުޒު ٱقْرَأْ އަކީ ކިޔެވުމަށް އޮތް އަމުރެކެވެ. ޢިލްމާ އުނގެނުމުގެ އެންމެ މުހިންމު އެއް ވަޞީލަތަކީ ކިޔެވުމެވެ. ވީމާ އިސްލާމުދީނަކީ ޢިލްމުގެ ދީންކަން މި ބަސްފުޅުން އެނގެއެވެ. ކީރިތި ޤުރުއާނުން ބާއްވާލެއްވި ފުރަތަމަ ފަސް އާޔަތުގައި ކިޔެވުމަށް ދެފަހަރަށް އަމުރު ކުރެއްވިގެންވެއެވެ. އަދި ޢިލްމު އޭގައި އެކުލެވިގެންވާ ތިންބަސް އައިސްފައިވެއެވެ. މީގެ އިތުރަށް ގަލަމުގެ ވާހަކަ އައިސްފައިވެއެވެ.
އަޅުގަނޑުމެންގެ ބިންގަލަކީ އީމާންކަމާމެދު ޝައްކެއްނެތެވެ. އީމާންކަމާ ވިދިގެން ދެން އަންނަނީ ޢިލްމެވެ. އިސްލާމީ ނަޒަރާއަކުން ބަލާއިރު ޢިލްމަކީ އީމާންކަން ހަރުދަނާކޮށްދީ ސާބިތުކޮށްދޭ އެއްޗެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ (سُورَةُ فَاطِر، 28) "ހަމަކަށަވަރުން މާތް ﷲގެ އަޅުންގެ ތެރެއިން އެކަލާނގެދެކެ ޙަޤީޤަތުގައި ބިރުގަންނަ ބަޔަކީ ޢިލްމުވެރިންނެވެ. މިއިން ދޭހަ ވަނީ އީމާންކަމުގެ އެންމެ މަތީ ކުރިބޯއްޓާ ހަމަޔަށް ވާޞިލުވެވޭނީ ހަމައެކަނި ޢިލްމުވެރިންނަށް ކަމެވެ.
ކީރިތި ޤުރުއާނުގެ މި އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ރަސޫލާ (ޞ) މުސްލިމުންނަށް ޢިލްމު އުނގެނުމަށް ތަފާތު ގޮތްގޮތަށް ހިތްވަރު ދެއްވިއެވެ. ކީރިތި ރަސޫލާގެ ބަސްފުޅަކީ "ޢިލްމު ހޯދުމަށްޓަކައި މަގެއްގައި ހިނގާ މީހަކަށް ސުވަރުގެއަށް ވަނުމަށްޓަކައި މާތް ﷲ އޭނާއަށް މަގެއްލުއި ކޮށް ދެއްވާނެއެވެ." އަދިވެސް ޙަދީޘް ކުރައްވަނީ ޢިލްމުވެރީންގެ ނަން އުޑުތަކާއި ބިމުގައިވާ އެންމެން ފާފަ ފުއްސަވާ ދެއްވުމަށް ދަންނަވާނެއެވެ. އަދި ކަނޑުގައި އުޅޭ މަސްތައްވެސް މެއެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ޢިލްމުވެރީންނަކީ ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. އެބޭކަލުން ދީނާރެއް ދިރުހަމެއް ވާރުތައެއް ނުކުރައްވައެވެ. އެކަމަކު އެބޭކަލުންގެ ތަރިކައަކީ ޢިލްމެވެ.
އިސްލާމުދީނުގައި ޢިލްމުގެ މަގު ފައްޓަވާފައިވަނީ ٱقْرَأْ ގެ ސާފު ބަސްފުޅުންނެވެ. ނަމަވެސް އިސްލާމުދީނުގައި އުނގެނުމަކީ އެއްވެސް ޝަރުޠެއްނެތި އޮތް ކަމެއް ނޫނެވެ. އޭގެ ޝަރުތަކީ بِٱسْمِ رَبِّكَ އެވެ. ޔޫރަޕުގެ ޢިލްމާއި އިސްލާމީ ޢިލްމުގެ މަގު ވަކިވެގެންދަނީ މިރޮގާއި ހަމައިންނެވެ. އިސްލާމީ ޙަޟާރަތާއި މިޒަމާނުގެ ޙަޟާރަތުގެ ސަރަޙައްދާއި އިން ވަކިވެގެންދަނީ މިބަސްފުޅުންނެވެ. ޢިލްމުގެ އަސާސާއި ޢިލްމުގެ ލަޑުދަނޑިތަކާއި މަޤުޞަދުތައް ވާން ޖެހޭނީ ﷲގެ މަގުގައި ﷲ އަށް ޓަކައެވެ. ވާން ޖެހޭނީ ހެވާއި އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށްޓަކައެވެ.
އިންސާނާ އޭނާގެ ސާހިބުވަންތަ ރަސްކަލާނގެ ނަންފުޅުން ކިޔަވާނަމަ އެނަންފުޅަށްޓަކައި އުނގެނޭނަމަ އޭނާ އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއަށް އިޖާބަ ދޭނެއެވެ. އޭނާގެ ޙަޔާތު ﷲ އެންގެވި ގޮތަށް ބަދަލު ކުރާނެއެވެ. ހަޤީޤީ މުސްލިމަކީ އިލާހީ މަންބަޢުތަކުން މެނުވީ އެއްޗެސް އެއްޗެއް ލިބިގަތުމަށް އޭނާގެ ނަފުސަށް ހުއްދަ ދޭނޭ މީހެއް ނޫނެވެ. ޙަޤީޤީ މުސްލިމަކު އޭނާގެ ޢަޤީދާ އާއި އަޚުލާޤުގައި ރައްބާނީ އިމާމް މެނުވީ އިމާމެއްކަމުގައި ނުބަލާނެއެވެ.
ކީރތި ރަސޫލާގެ މުޅި ޙަޔާތްޕުޅުގައި މަސައްކަތް ކުރައްވާފައިވަނީ މި މަނާބިޢުތައް ސާފުތާހިރު އެއްޗެއްކަމުގައި ހެއްދެވުމަށެވެ. ސާފުތާހިރު އެއްޗެހިތަކެއްގެ ގޮތުގައި ދެމެހެއްޓެވުމަށެވެ. މި މަނާބިޢުތަކުގެ ތެރޭގައި ހިމެނޭ އެންމެ އިސް މަންބަޢަކީ ކީރިތި ޤުރުއާނެވެ. ކީރިތި ޤުރުއާނާއި އެހެން އެއްޗެއްސާ އޮޅުނަ ނުދެއްވުމަށްޓަކައި ރަސޫލުﷲ (ޞައްލަﷲ ޢަލައިވަސައްލަމަ) ކުރެއްވި އަގުހުރި ގިނަގުނަ މަސައްކަތްތަކަކީ ތާރީޚު ފޮތްފޮތުން އެގެން ހުރި ވާހަކަތަކެވެ. އިސްލާމުދީން އެހެން އެއްޗަކުން ހަޑި މުޑުދާރުވިޔަ ނުދެއްވުމަށް ކީރިތި ރަސޫލާ ވަރަށް އިސްކަން ދެއްވިއެވެ. އަހުލު ކިތާބީންގެ ވާހަކަތަކާއި އެބައިމީހުންގެ ގޮތްތަކާއި ދުރުހެލިވުމަށް ރަސޫލުﷲ އެންގެވީ މިހެންވެގެންނެވެ.
އިސްލާމީ އުއްމަތް ދެރަވެ ނިކަމެތިވެ ރޫޅިގެންދާން ފެށީ “ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ މިބަސްފުޅުން އެހެން ٱقْرَأْ ތަކަށް ދާން ފެށުމުންނެވެ. އިސްލާމީ ތަޢުލީމާ ޝަރީޢަތާ އެހެން ތަޢުލީމުތައް މަސްހުނި ކުރެވެން ފެށުމުންނެވެ. މީގެ މާނައަކީ ދުނިޔޭގެ ފިކުރާ އެކަހެރިވެގެން އުޅެންވީ ވާހަކައެއް ނޫނެވެ. މީގެ މާނައަކީ ދުނިޔޭގެ ސިކުނޑިތައް ގެނެސްދީފައިވާ މޭވާތަކުން ކާނާ ނުހޯދާންވީ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަސްލު އުސޫލުތައް އޮޅޭ މިންވަރަށް ކަންތައްތައް ގެންގޮސްގެން ނުވާނެއެވެ.
އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ
އަލްމަންޙަޖު