ޚަބަރު

ހަކަބީ ދެއްވި ބަސްދީގަތުމާއެކު އެމެރިކާގެ ސިޔާސަތުތަކަށް ނުރުހުން


އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ހަކަބީ އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ، ޓަކަރ ކާލްސަންއަށް މި ފަހުން ދެއްވި ބަސްދީގަތުމެއްގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެމެރިކާއިން އަމިއްލަ ޤައުމުގެ މަސްލަހަތަށްވުރެ ޔަހޫދީންގެ މަަސްލަހަތު އިސްކުރާ ކަމުގެ ހެކި އެ ބަސްދީގަތުމުން ލިބިފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފެބްރުއަރީ މަހުގެ 20ވަނަ ދުވަހު ދުރަށް ދައްކާފައިވާ މި ބަސްދީގަތުމުގައި އެމެރިކާއާއި ޔަހޫދީންނާ އެއްބަސްވާ ކަންކަމާ ގުޅޭގޮތުން ކާލްސަން ވަނީ ހަކަބީއަށް ގިނަ ސުވާލުތަކެއް ކޮށްފައެވެ. ކާލްސަން ވަނީ އެމެރިކާގެ މަސްލަހަތުގެ ކުރިއަށް ޔަހޫދީންގެ މަސްލަހަތު އިސްކޮށް، އަދި އެ ގޮތަށް ޢަމަލުކުރުމުން އަމިއްލަ ޤައުމަށް ގެއްލުންވުން އެކަށީގެން ވިޔަސް، ޔަހޫދީންނަށް ސަމާލުކަން ދެނީތޯ ސުވާލު އުފައްދައިފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެ ބަސްދީގަތުމުން ސަރުކާރު ހިންގުމުގައި “އެމެރިކާ ފުރަތަމަ” ސިޔާސަތު އަދިވެސް ދެމި އޮތްކަމާ މެދު ވަނީ ޝައްކު އުފެދިފައެވެ.

މީގެ ކުރިން ގަވަރުނަރެއްގެ މަޤާމު ވެސް ފުރުައްވާފައިވާ ހަކަބީއަކީ ނަޞާރާއިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށްވާ “އެވަންޖެލިކަލް ކްރިސްޓިއަން”އެކެވެ. އޭނާ ވަނީ ތަކުރާރުކޮށް ޔަހޫދީންގެ މަސްލަހަތު ކުރިއަރުވާ މޭރުމުން ވާހަކަ ދައްކަވައި، ޔަހޫދީންގެ މަސްލަހަތާއި އެމެރިކާގެ މަސްލަހަތަކީ އެކައްޗެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ހުޅަނގު އައްސޭރީގެ ބިންތަކާ ގުޅޭގޮތުން ވެސް އޭނާ ވާަހަކަ ދައްކަވާދައި ވަނީ އެ ބިންތަކަށް ޔަހޫދީން ދީފައިވާ ޤަދީމީ ނަންތައް ބޭނުންކޮށްގެންނެވެ. އެމެރިކާ ސަރުކާރާއި ޔަހޫދީ ސަރުކާރާ ދެމެދު އޮންނަ ގުޅުން ވެސް އޭނާ ވަރަށް ބޮޑަށް ދިފާޢުކުރައްވާފައިވެއެވެ. އަދިި އެމެރިކާގެ އަސްކަރިއްޔާއަށް ކުޑައިމިސް ވާގޮތަށް ވެސް ވާހަކަދައްކަވާފައިވެއެވެ. އޭނާ ވާހަކަދެއްކެވި ގޮތުން ދޭހަވީ އޭނާ އަކީ އެމެރިކާގެ މަންދޫބަކަށް ވުރެ ބޮޑަށް ޔަހޫދީންގެ މަންދޫބެއްގެ ގޮތުގައެވެ.

އެ ބަސްދީގަތުމުގައި ކާލްސަން ވަނީ އެމެރިކާއިން ޔަހޫދީންނަށް އަސްކަރީ އަދި މާލީ އެހީތެރިކަން ދިނުމާ ގުޅޭގޮތުން ސުވާލުކޮށް ގޮންޖަހައިފައެވެ. އަދި ޔަހޫދީން އަނިޔާވެރިކަމާއެކު ޝަހީދުކުރަމުންދާ ޣައްޒާގެ ކުށެއްނެތް ޢާންމުންގެ ޢަދަދު އޭނާ ފާހަގަކޮށްފައިވެއެވެ. އަދި އިތުރު އެހެން ސިޔާސަތުތަކާ ގުޅޭ ސުވާލުތައް ވެސް ކޮށްފައިވެއެވެ. ޔަހޫދީންނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އެމެރިކާއިން އިސްކަންދޭ ކަންކަމަށް ބުރޫ އަރައި، ޤައުމުގެ އިސްތިޤުލާލާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ދިރާސާކުރާ މާހިރުން ޤަބޫލުކުރާ ގޮތުގައި ހަކަބީގެ މި ބަސްދީގަތުމުން، ޔަހޫދީންނަށް ޝަރުތެއް ނެތި އެހީތެރިކަން ދިނުމަކީ ސިޔާސީ ދުނިޔޭގައި ކުރިއެރުން ލިބޭނެ ކަމެއްގެ ގޮތުގައި އޮތް އޮތުމަށް ބަދަލު އައިސްފައިވާކަން ދޭހަކޮށްދެއެވެ. އޭގެ ބަދަލުގައި ޔަހޫދީންނާއެކު އޮންނަ ގާތް ގުޅުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ދެކެވެން ފަށާފައިވާ ކަމަށް މާހިރުން ވިދާޅުވެއެވެ. އޭގެ ބަދަލުގައި ސިޔާސީ ގޮތުން ފައިދަ ބޮޑު ގޮތަކީ ޔަހޫދީންނަށް އިސްކަން ނުދިނުން ކަމަށް ދެކެވެން ފަށާފައިވާ ކަމަށް މާހިރުން ފާހަގަކުރައްވައެވެ. މި ބަސްދީގަތުމަކީ އަމިއްލަ ޤައުމުގެ މަސްލަހަތު ރައްކާތެރި ކުރުމަށާއި އެމެރިކާގެ ސަރުކާރުން ޔަހޫދީންނަށް ދެމުންދާ ސަމާލުކަން ކުޑަ ކުރުމަށް އެމެރިކާގެ ރައްޔިތުން ގޮވައިލުމަށް ލިބިފައިވާ ރަނގަޅު ފުރުޞަތެއް ކަމަށް މާހިރުން ވިދާޅުވެއެވެ.