ޚަބަރު

އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި


  • ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 10 ރުފިޔާއަށް

  • އަލުވި ކިލޯއެއް މިހާރު ވިއްކަނީ 12 ރުފިޔާއަށް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ވިދާޅުވީ، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މީގެ ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް، އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު 12 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ފާހަގަކުރެއެވެ. އަދި އަލުވި ބަސްތާއެއްގެ އަގު 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފައިވާ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ހަމައެއާއެކު، ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.