ޚަބަރު

ވިޒިޓް މޯލްޑިވްސުން "ސަޓޭ 2026"ގައި ބައިވެރިވެއްޖެ


  • މިއީ ދެކުނު އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ވިޔަފާރި މައުރަޒު

  • މި އަހަރުގެ ފެއަރގައި 50 އަށްވުރެ ގިނަ ޤައުމުން ބައިވެރިވޭ

ދެކުނު އޭޝިއާ ސަރަޙައްދުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ވިޔަފާރި މައުރަޒު ކަމަށްވާ "ސަޓޭ" ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ.

މި މައުރަޒު ކުރިއަށް ދަނީ، މިއަދުން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގެ ޔަޝޯބޫމީ ކޮންވެންޝަން ސެންޓަރުގައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ، މި މަންސަ މެދުވެރިކޮށ،ް ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ މުއްސަނދިކަން ގިނަ ބަޔަކަށް ދައްކާލާ، އިންޑިއާ އަދި ދެކުނު އޭޝިއާ ސަރަޙައްދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އަދި މިއީ ދުނިޔޭގެ ބާޒާރުތަކާއި ސިނާޢަތުގެ އިސް ފަރާތްތަކާ ބައްދަލުވެ، ވިޔަފާރީގެ ދާއިރާގައި ރާއްޖެ ކުރިއެރުވުމަށް އައު ފުރުޞަތުތައް ހޯދުމަށް ފަހި މާޙައުލަކަށްވާނެ ކަމަށެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ މަޤާމު ދެމެހެއްޓުމުގައި ސަޓޭ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

މިއަހަރުގެ ސަޓޭ ފެއަރގައި 50 އަށްވުރެ ގިނަ ޤައުމުން 2,100 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. އަދި މި ފެއަރގައި ވިޒިޓް މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން ކޯ-އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ.

އިންޑިއާއަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް މާކެޓެވެ. އިންޑިއާއިން 2024 ވަނަ އަހަރު 130,80 ފަތުރުވެރިން އަދި 2025 ވަނަ އަހަރު 131,625 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި ތަފާސްހިސާބުތަކުން ހާމަވަނީ، އިންޑިއާގެ ބާޒާރު ދެމެހެއްޓެނިވި ގޮތުގައި ކުރިއަރައިގެންދާ ކަމާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އިންޑިއާގެ މާރުކޭޓުގެ މުހިންމުކަން ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ސަޓޭ މެދުވެރިކޮށް ޓުއަރ އޮޕަރޭޓަރުންނާއ،ި ޓްރެވަލް އެޖެންޓުންނާއ،ި އެއާލައިންތަކުގެ އިތުރުން އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކާއެކު އޮންނަ ގުޅުން
ބަދަހިކޮށ،ް މާކެޓިންގގެ އާ މަޝްރޫޢުތައް ރޭވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ސަޓޭ 2026 ގައި ބައިވެރިވުމަކީ، އިންޑިއާ މާކެޓަށް ވިޒިޓް މޯލްޑިވްސްއިން ކަނޑައަޅާފައިވާ ފުޅާ މާކެޓިންގ ސްޓްރެޓެޖީގެ ބައެކެވެ.