ޚަބަރު

ކްރިއޭޓަރ ހަބަކީ ވިޔަފާރިތަކަށް ލިބޭނެ ފަހި މާޙައުލެއް!


  • މިތަން އިމާރާތް ކުރަނީ 11 ފަންގިފިލާއަށް

  • ނޮވެންބަރުމަހު މިތަން ހުޅުވާނެ

ކްރިއޭޓަރ ހަބާއިއެކު ވިޔަފާރިތަކަށް ފަހި މާޙައުލެއް ލިބިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ވިދާޅުވެއްޖެއެވެ.

ކްރިއޭޓަރ ހަބަކީ، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބީސީސީން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކްރިއޭޓަރ ހަބުގެ މަސައްކަތް ފަށާފައިވަނީ، 2024ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިތަން އިމާރާތް ކުރަނީ 11 ފަންގިފިލާއަށެވެ. ކްރިއޭޓަރ ހަބު ވެގެންދާނީ ފަންނުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި، ފަންނުވެރިން މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށް ކަމަށް ބީސީސީން ވިދާޅުވެއެެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވަނީ، ކްރިއޭޓަރ ހަބުގެ މަސައްކަތް ނިންމާ މިއަހަރުގެ ނޮވެންބަރ މަހުގެ 11ވަނަ ދުވަހު ހުޅުވާނެ ކަމަށެވެ. ކްރިއޭޓަރ ހަބު އިމާރާތް ކުރަނީ 1،500 އަކަފޫޓުގެ ޖާގައެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ބީސީސީގެ ޑިރެކްޓަރ އިންވެސްޓްމަންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ، މި އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތުގެ ގާތްގަނޑަކަށް %90 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 8 ވަނަ ފަންގިފިލާގެ މަސައްކަތް ނިމި 9 ވަނަ ފަންގިފިލާގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތަށް މިއަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު މިތަން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިތަން ވެގެންދާނީ، ކުދި ވިޔަފާރިތަކުން ބޭނުންވާނެ ޚިދުމަތްތައް އެއްތަނަކުން ލިބޭނެ އެފަދަ ވިޔަފާރިތަކުގެ ހަބަކަށް ކަމަށްވެސް އީމާން ވިދާޅުވިއެވެ.

"މި އިމާރާތަކީ ޚާއްޞަ ގޮތެއްގައި ކްރިއޭޓާސްއަށް ނުވަތަ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި އޮތް ސިޔާސަތުގެ ދަށުން ކްރިއޭޓާސްއަށް ޚާއްޞަކޮށް ފުރުޞަތުތަކެއް ފަހިވެގެންދާނެ ގޮތަކަށް ފަރުމާކުރެވި، ބައްޓަން ކުރެވި އަދި އެތަނުން ޚިދުމަތްތަކެއް ލިބިގެންދާނެ އިމާރާތެއް. ދެން އެއާއިއެކުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އެހެނިހެން ޚިދުމަތްތައްވެސް ލިބިގެންދާނީ އިމާރާތުގެ ތެރެއިން. އެހެންވީމަ އެތަން ވެގެންދާނީ، ކުދި ވިޔަފާރިތަކުގެ ހަބެއްގެ ގޮތުގައި. ހަމަ ކްރިއޭޓާރސްއާއި އެހެނިހެން ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް އެތަނުން ލިބިގެންދާނެ." އީމާން ވިދާޅުވިއެވެ.

މި އިމާރާތް ނިމޭއިރު މިތަނުގައި ކްރިއޭޓިވް މަސައްކަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްޞަ ޖާގަތައް ހުންނާނެއެވެ. އެގޮތުން ސްޓޫޑިއޯ ސްޕޭސްތަކާއި، ޕްރެކްޓިސް ރޫމްތަކާއި، ރެކޯޑިން ބޫތުތަކާއި، އެޑިޓިން ބޫތުތައް ހުންނާނެ ކަމަށް ބީސީސީއިން ވިދާޅުވިއެވެ. މިއާއިއެކު އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ކުރެވޭނެއެވެ. އަދި ބީސީސީގެ ޚިދުމަތްތައްވެސް މި އިމާރާތައް ބަދަލުވެގެންދާނެއެވެ. އެހެންކަމުން ކްރިއޭޓަރ ހަބާއިއެކު ވިޔަފާރިތަކަށް ފަހި މާޙައުލެއް ލިބިގެންދާނެ ކަމަށް ބީސީސީއިން ވިދާޅުވެއެވެ.