ޚަބަރު

ރަމަޟާން 7ވީ7 ލީގު 2026: ލެގޫންސް މޮޅުވެ އެއްވަނައަށް


  • މި މުބާރާތުގައި 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް

  • 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފަވޭ

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ވެޓެރެންސް ކެޓަގަރީގަ ހިމެނޭ ލެގޫންސް ސްޕޯޓްސް ކުލުބުން އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މުބާރާތުގެ އިއްޔެ ފުރަތަމަ ކުޅުނީ ވެޓެރެންސް ކެޓަގަރީގެ މެޗެކެވެ. އެގޮތުން ލެގޫންސް މޮޅުވީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 2-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޓީސީންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިލްވާން ވަހީދުއެވެ. ލެގޫންސްގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޝަފްރާޒް އާއި އަހުމަދު އަނީސްއެވެ.
މި މޮޅާއެކު ލެގޫންސް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ވެޓެރެންސް ކެޓެގަރީގެ ގުރޫޕު އޭގެ އެއްވަނަ އަށް ޖެހިލާފައެވެ. މި ގުރޫޕުން ޓީސީ އާއި ހިންނަވަރު ހިރިއާ ވަނީ ތިން ޕޮއިންޓް ހޯދާފައެވެ.

އިއްޔެ މުބާރާތުގައި ދެން ކުޅުނީ މާސްޓަރސް ކެޓަގަރީގެ ދެމެޗެވެ. ފުރަތަމަ މެޗުގައި މުއިވެޔޮ ފްރެންޑްސް ކުލަބުން ވަނީ ޔުނައިޓެޑް ހެންވޭރިއަންސް ވާދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކޮއްފައެވެ. މެޗު ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޔުނައިޓެޑް ހެންވޭރިއަންސް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފަޔާޒު މުނީރެވެ. މުއިވެޔޮ ޓީމުގެ ދެ ލަނޑު އާދަމް ލަރީފް ކާމިޔާބު ކުރިއިރު އަނެއް ލަނޑު ޖެހީ އިސްމާއިލް އިބްރާހިމްއެވެ.

އިއްޔެ މި ކެޓަގަރީން ކުޅުނު ދެވަނަ މެޗު ޓީސީ ކާމިޔާބު ކުރީ 4-0 ލެގޫންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޓީސީގެ ހަތަރު ލަނޑު ކާމިޔާބުކޮށް ދިނީ މައުސޫމް އަބްދު ޢަފޫރާއި، ހުސެއން ހަބީބުގެ އިތުރުން އިސްމާއިލް މުހައްމަދު އާއި މުހައްމަދު ޒިޔާދުއެވެ.

މި ނަތީޖާއެކު މި ކެޓަގަރީގެ ގުރޫޕް ބީގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ޓީސީ އަދި މުއިވެޔޮ ވަނީ ތިން ޕޮއިންޓް ހޯދާފައެވެ.