ޚަބަރު

ޒްރިންޖްސްކީ ބަލިކޮށް ޕެލެސް ގަދަ 16 އަށް


  • ދެވަނަ ލެގުގައި ޒްރިންޖްސްކީ މޮޅުވީ 0-2 އިން

  • ފުރަތަމަ ލެގުވީ 1-1 އިން އެއްވަރު

ޔޫރަޕާ ކޮންފަރެންސް ލީގުގެ ނޮކް އައުޓް ސްޓޭޖުގެ ޕްލޭ އޮފްގެ ދެވަނަ ލެގުގައި، އެޗްއެސްކޭ ޒްރިންޖްސްކީ އަތުން ހޯދި މޮޅާއެކު، އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ކްރިސްޓަލް ޕެލަސް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ލަންޑަނުގެ ސެލްހަސްޓް ޕާކުގައި 18,049 (އަށާރަ ހާސް ސާޅިސްނުވައެއް) ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ކްރިސްޓަލް ޕެލަސް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި، ޒްރިންޖްސްކީގެ ދަނޑުގައި މި ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅެ ޕެލަސް އިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި ލީޑުނަގާފައެވެ. ހާފުގެ 36 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެކްސެންސް ލެކްރޮއިސް އެވެ.

ޕެލަސް އިން ދެވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެވަން ގުއެސާންޑް އެވެ.

މި މޮޅާއެކު ޕެލަސް އިން ކޮންފަރެންސް ލީގުގެ ގަދަ 16 ގެ ޖާގައެއް ހޯދިއިރު، ގަދަ 16 ގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ޖަރުމަނުގެ މައިންޒް ނުވަތަ ސައިޕްރަސްގެ ލާނަކާއާ ދެކޮޅަށެވެ.

ގަދަ 16 ގައި ޕެލަސް އިން ކުޅޭ ފުރަތަމަ ލެގު އޮންނާނީ މާޗު މަހުގެ 12 ވަނަ ދުވަހު ސެލްހަސްޓް ޕާކުގައެވެ. އަދި ދެވަނަ ލެގު އޮންނާނީ އޭގެ ހަފްތާއެއް ފަހުންނެވެ.