ޚަބަރު

މައިލޯ ރަމަޟާން ކުރިކެޓު ކާނިވާ: ޓީއެފްޓީ އާއި ފިނޮޅު މޮޅުވެ ގުރޫޕްގެ ފޯރިގަދަވެއްޖެ


  • މި ގުރޫޕުން ތިން ޓީމެއް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ

  • ނެގި ވިކެޓުން ކުރީގަ އުޅެނީ ފިނޮޅު

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ މިއަދު ކުޅުނު މެޗުތަކުގައި ޓީއެފްޓީ އާއި ފިނޮޅު މޮޅުވެ އެޓީމު ހިމެނޭ ގުރޫޕު ފޯރިގަދަކޮއްލައިފިއެވެ.

މާފަންނަ ކުޅިވަރު އެކުވެނީ އެއްނަންބަރު ކުރިކެޓް ދަނޑުގައި ކުރިއްދާ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ފިނޮޅެވެ. މިމެޗު ފިނޮޅު ކާމިޔާބު ކުރީ 54 ލަނޑުންނެވެ.

މެޗުގައި ގުރުދިމާވުމުން ފިނޮޅުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 128 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 34 ލަނޑު ހެދި މުއާވިޔަތު އަބްދުލް ޢަނީއެވެ.

ޖަވާބުގައި ޕޮލިސް ޓީމުން ކުޅެންއަރާ 7.4 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 74 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 6 ބޯޅައިން 18 ލަނޑު ހެދި އަހުމަދު ޝިރުހާންއެވެ.

މިއަދު ކުޅުނު ދެވަނަ މެޗު ޓީއެފްޓީ ކާމިޔާބު ކުރީ އެވިއަރ މޯލްޑްވިސްއާ ވާދކޮށް 8 ވިކެޓުންނެވެ.

ގުރުދިމާވުމުން ޓީއެފްޓީން ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން އެވިއަރ އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 91 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 22 ލަނޑު ހެދި މުހައްމަދު ޝަދުހަމްއެވެ.

ޖަވާބުގައި ޓީއެފްޓީން ކުޅެންއަރާ 6.4 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 94 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 33 ލަނޑު ހެދި އާދަމް ނާސިފްއެވެ.

މި ނަތީޖާ އެކު މުބާރާތުގެ ގުރޫޕް ބީގައި ޓީއެފްޓީ އާއި ފިނޮޅު އަދި އެވިއަރ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ 4 ޕޮއިންޓާއެކު ތިން ޓީމުވެސް އެއްވަރަކަށް ޕޮއިންޓް ހޯދާފައެވެ. މިހާތަނަށް ފިނޮޅުން ނެގި 14 ވިކެޓާއެކު އެޓީމު އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. މި ގުރޫޕުގައި ޕޮއިންޓެއް ނުލިބި އޮތީ ޕޮލިސް ކުލަބަށެވެ.

މުބާރާތް ފޯރި ގަދަ ކުރުމުގެ ގޮތުން "ކެޗް އެންޑް ވިން"ގެ ނަމުގައި މުބާރާތް ކުރިއަށްދާ ވަގުތު މެޗުތައް ބަލަންދާ ފަރާތްތަކަށް، ޚާއްސަ އިނާމުތަކެއް ދިނުމަށްވެސް ސީބީއެމުން ވަނީ ނިންމާފައެވެ.