ތަރުބަވީ ކަންކަމުގައި އިންސާނީ ނައުޢު އެތަކެއް ޤަރުނެއް ވޭތުކޮށްފިއެވެ. މިއަދު މިދެކޭކަންކަމާ ހަމައަށް އައިއިރު 'ޒަމާނުގެ ގޮތްތައް' ކާމިޔާބު ކަމުގައި ބޭރުފުށުން ބަލާއިރު ދެންނެވޭކަށް ނެތެވެ. އެއީ ދުނިޔެ ދެކެމުންދާ ނޭއްގާނީކަމާއި އަޚުލާޤީ ބަލިމަޑުކަމުގެ ސަބަބުންނެވެ. މިއީ އިތުރަށް ސާބިތުކޮށްދޭންޖެހޭވަރަށްވުރެ އުދަރެހުން ފާޅުކޮށް ފެންނަން ހުރި ކަންކަމެވެ. ދެބަސްވާ ފަރާތަކުން ދެބަސްވުމަކީ އެފަރާތްތަކަށް އޮތް ޙައްޤެކެވެ. މި ލިޔުމުގައި މިއުޅެނީ އެބަޙުޘުގެ ތެރެއަށް ވަންނާކަށް ނޫނެވެ. ބޭނުންވަނީ ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުން އޯގާތެރިކަމާއެކު މުޢާމަލާތްކުރުމުގެ ވާހަކަ ދައްކާށެވެ.
މި ދެ މަންހަޖުންކުރެ، މަންހަޖެއް އިޚްތިޔާރުކޮށް ކުއްޖާ ހަރުދަނާ މުސްލިމަކަށް ހެދުމާއި ނުހެދުމަކީ މައިންބަފައިންނާ މަތިކޮށްފައިވާ ޒިންމާއެކެވެ. އިތުރު ނަބީކަލޭފާނު ޙަދީޘްފުޅުކުރައްވާފައިވެއެވެ: «كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِه، أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ، كَمَثَلِ الْبَهِيْمَةِ تُنْتِجُ الْبَهِيْمَة هَلْ تَرَى فِيْهَا جَدْعَاء» މާނައީ: “ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. އެއަށްފަހު އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް ކުންޖާގެ މައިންބަފައިންނެވެ. އެއީ ނަޢަމް ސޫތްޕެއް އޭގެ ދަރި (ސަލާމަތުން) ވިހާފަދައިންނެވެ. އޭގައި ތިބާއަށް ޢައިބެއް ފެނޭހެއްޔެވެ؟”
މި ޙަދީޘުގައި މިވަނީ ދަރިން ބައްޓަންކުރުމަކީ މައިން ބަފައިންގެ ޒިންމާއެއްކަމުގައި ބަޔާންކުރައްވާފައެވެ. އެއީ އެހެންފަރާތްތަކުގެ ޒިންމާއެއް ނެތްކަމަށް ބުނުމަށްވުރެ ބޮޑަށް ގާތީ، އެކަމުގެ ޒިންމާ އެވަށައިގެން އެނބުރޭ ނާރެހުގެ އެންމެ ބޮޑު ހިއްސާއަކީ ކުއްޖާގެ މައިން ބަފައިންކަމުގައި ބަޔާންކުރުމުގެ ގޮތުން އައިސްފައިވާ ބަސްފުޅަކަށްވުމެވެ.
ވުމާއެކު، ކުދިން ތަރުބިއްޔަތުކުރުމުގައި ތަރުބަވީގޮތުން ނާކާމިޔާބުވެފައިކަމަށް ގަބޫލުކުރެވޭ މަންހަޖާއި، އިސްލާމީ ތަރުބަވީ ނިޒާމުގެ ތެރެއިން އިޚްތިޔާރުކުރާނެ ނިޒާމެއް ކަނޑައަޅާފަރާތަކީވެސް މައިންބަފައިންނެވެ.
ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ތަރުބިއްޔަތު ކުރެއްވި ޖީލަކީ “خَيرُ الْقُرُونِ” (އެންމެ ހެޔޮޖީލު) ކަމީ އަޅުގަނޑުމެން މުސްލިމުން ޤަބޫލުކޮށްގެން ތިބި 'ޢަޤީދާ' އެކެވެ. ވީމާ މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އިސްލާމީ ތަރުބަވީ މަންހަޖަށް ރުޖޫޢަވާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައެވެ.
އިސްލާމީ ތަރުބަވީ ނިޒާމުގެ ބާރުވެރިކަން އޯގާތެރިކަމާއެކު މުޢާމަލާތްކުރުމާ ގުޅޭ ވާހަކަ ގެނެސްދިނުމުގެ ކުރިން، ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ބޭނުންކުރެއްވި، އިލާހީ ތަރުބިއްޔަތާއި އީމާނީ ބާރުގެ ސަބަބުން ނަތީޖާ ނެރެވުނު ހާދިސާއެއް މިސާލެއްގެ ގޮތުން ދަންނަވާލާނަމެވެ. އަދި އޭގެ އަނެއްކޮޅުން ހަމަ އެކަން މަނާކުރުމުގައި ޤާނޫނު ތަންފީޛު ކުރުމުގައި ނާކާމިޔާބުވި ނާކާމިޔާބުވުމުގެ ނަމޫނާއެއްވެސް ދަންނަވާލާނަމެވެ.
މިއަދު ބައެއް މީހުން ރަލަށް ދެވިހިފާފައިވާފަދައިން ޢަރަބިންގެ ތެރޭގައި އޮތީ ރާބުއިމަށް ދެވިހިފާފައިވާ މުޖުތަމަޢެކެވެ. އަދި ކިއްވެހެއްޔެވެ؟ މިހާރަށްވުރެވެސް ބޮޑަށް ދެވިހިފާފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިދެންނެވި އެއްޗެއްގެ ހެއްކަކީ ޢަރަބިން ރަލަށް ކިޔާ އެތަކެއް ނަމެއް އޮވެއެވެ. އެގޮތުން ރަލަށް ކިޔާ ނަންތަކުގެ ތެރޭގައި، الراح، الراحة، المدام، السلاف، القرقف، العقار، الخندريس، الصهبا، القهوة، الشراب، الطلا، الرحيق ފަދަ ސަތޭކަ ނަން ހިމެނެއެވެ. (ބައްލަވާ: حلبة الكميت في الأدب والنوادر والفكاهات المتعلقة بالخمريات، للنواجي، 1357هـ – 1938م، ص: 7) މިއިން ދޭހަކޮށްދެނީ އެކަމަށް އެމީހުންގެ ހިތުގައި އޮތް ލޯބީގެ ބޮޑުކަމެވެ. އެކަމަށް ދެވިހިފާފައިވާ މިންވަރެވެ.
އެހެން ހެއްކެކެވެ. ބިމަކީ ދުނިޔެފެށުނީއްސުރެ އަދާހަމައަށް އެންމެ އަގުހުރި މުދާކަމުގައި ބުނެވިދާނެއެވެ. އިންސާނާގެ މުޅި ހަޔާތުގެ އިސްތިޤްރާރުވުމާއި ދެމިގެންދިއުން ބިނާވެފައިވަނީ ބިމުގެ މައްޗަށެވެ. އެތަނުގައި ދިރިއުޅުމާއި ދިރިއުޅުމަށް ބޭނުންވާނެ ގެއާއި ކާބޯތަކެތި ހައްދައެވެ. ވިޔަފާރި ކުރެއެވެ. ހިތްހަމަޖައްސާލަން ނިކުންނާނެ ހުސްބިންތައް އޮވެއެވެ. އަޅުކަމުގެ މުޤައްދަސް ބިންތަކަކީ ވަކިން ޚާއްޞަ ތަންތަނެވެ.
ނަމަވެސް މި އަގުބޮޑު މުދާ ރާހަމަކަށް ދެހަމަކަށް ވިއްކާލުމަކީ އެކަމަށް އެމީހުންގެ ތެރޭގައި ދެވިހިފާފައިވާ މިންވަރު ރަމްޒުކޮށްދޭކަމެކެވެ. ޝިބުހު މިލްކުވެރިކަމެއް ދޫކޮށްލި ފިސާރި ބިމެކެވެ. ޤުރައިޝުންގެ ބެލުމުގެ ދަށަށް ގެފުޅު އައުމުގެ ކުރިން ބަލަހައްޓަމުން ގެންދިޔައީ خزاعة ވަންހައިންނެވެ. މި ވަންހައިގެ أبو غبشان އެވެ ކިޔުނު މީހަކު އެއްދުވަހެއްގައި ރާބޮމުންގޮސް އިތުރަށް ރާބޯން ބޭނުންވެގެން ގެފުޅުގެ ހަވާލުދާރުކަން ރާހަމަކަށް ވިއްކާލިއެވެ. ގަތީ قصي بن كلاب އެވެ. މި ހާދިސާގައި ކޮށްފާނެ ސުވާލަކީ، އޭނާ މަސްތުގައި ހުރެ މި މުޢާމަލާތް ހިންގުމުން އެއީ މާބޮޑު ބުރަދަނެއް ދެވޭނެ ކަމެއް ނޫންކަމެވެ؟ ނަމަވެސް ހަމަ ހޭވަރިކަންވެ އެމުޢާމަލާތް ރޫޅާލުމަށް އުޅެފައި އޮތްކަން އެނގޭކަށް ނެތެވެ. ދެރަވެގެން އުޅުނެވެ. ނަމަވެސް އެމުޢާމަލާތުގައިވަނީ ސިއްކަޖެހި ނިމިފައެވެ. (ބައްލަވާ: نشوة الطرب في تاريخ جاهلية العرب / ابن سعيد الأندلسي، عمان-مكتبة الأقصى، ص: 214) މިނޫން ހެކިތައްވެސް އެބަހުއްޓެވެ. ނަމަވެސް މިވަރުން ފުއްދާލަމާތޯއެވެ!
އެމެރިކާ އެއްވަނަ ބޮޑުހަނގުރާމައިގެ ކޮޅިގަނޑުގެ ތެރޭގައި އޮތްއިރު، އޭރުގެ ރައީސަކަށް ހުރި ވުޑްރޯ ވިލްސަން ހަނގުރާމައިގެ ކޮޅިގަނޑަށްޓަކައާއި އެހެނިހެން ބޭނުންތަކަށް ބައެއް ކަންކަން މަނާކުރުމަށް ނިންމިއެވެ. ހަމަ އެ އަހަރު އެ މީހުންގެ ޤާނޫނު އަސާސީ އަށް 18 ވަނަ އިޞްލާޙު ގެނައެވެ. އޭގެ ދަށުން މަސްތުވާ ދިޔާ ތަކެތި އުފެއްދުމާއި ވިޔަފާރިކުރުން މަނާކުރިއެވެ. ނަމަވެސް މީގެ ނަތީޖާއެއްގެ ގޮތުން ވަގަށް ރާ އުފެއްދުމާއި، ވިއްކުމުގެ މުޢާމަލާތް ހިނގަމުން ދިޔައެވެ. އަދި ސިއްރު ބާވަތްތައް ހިންގަމުން ގެންދިއައެވެ. އަދި ރޭވިގެން ކުރެވޭ ކުށްތައް އިތުރުވެގެންދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން 1933 ގައި ޤާނޫނު އަސާސީގެ 21 ވަނަ އިޞްލާޙާ އެކު މިކަން އުވާލެވުނެވެ. ޤާނޫނަކުން އޮތްބެއް ނޭޅުނެވެ.
ޤާނޫނަކުން މަތަނުކުރެވުނު ކަމެއް ކުރެވިފައި މިއޮތީ ޢަޤީދާއާއި އީމާންކަމުގެ މައްޗަށް ބިނާވެފައި އޮތް އިލާހީ ތަރުބަވީ މަންހަޖުންނެވެ. ޚަރަދުކުޑަވެފައި ހެޔޮގޮތުގައި ކުރި އަސަރު ބޮޑެވެ. އޯގާތެރިކަމާއެކު މުޢާމަލާތްކުރުމުގެ މަންހަޖު އަޅުގަނޑު މި ތަރުބަވީ މަންހަޖުގެ އަސާސެއްގެ ގޮތުގައި މިބަލަނީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތަށެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ) [النحل: 125] މާނައީ: “حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.” މީހަކު ބުނެފާނެއެވެ. މިއީ ކުއްޖާގެ ރުޅިމަޑުކުރުމާ ކޮން ގުޅުމެއް އޮތް އާޔަތެއްހެއްޔެވެ؟ އަހަރެމެން މި ގޮވާލަނީ ދީނަކަށް ނޫނެއްނޫންހެއްޔެވެ؟ މި އާޔަތް ތަޠުބީޤުކުރެވޭނީ ހަމަ އެކަނި ޣައިރު މުސްލިމުންނަށް ދީނަށް ގޮވާލުމަކަށް ނޫނެވެ. ޢިބްރަތަކީ އާޔަތުގެ ލަފްޒާއި ސިޔާޤެވެ. ވަކި ސަބަބެއް ޚާއްޞަވެފައި އޮތުމަކީ، އެހެންކަންކަމުގެ މައްޗަށް އެ އާޔަތުގައިވާ ޢިލްމުގެ ޚަޒާނާއާއި ޢިލްމީ އަސާސްތައް ތަޠުބީޤު ނުކުރެވޭނެ ސަބަބެއް ނޫނެވެ. މިގޮތުން މި އާޔަތާމެދު ވިސްނާލާއިރު މައިގަނޑު ހަތަރުކަމެއް ފާހަގަކުރެވެއެވެ.
ފުރަތަމަ ކަމަކީ، ޙިކުމަތް ބޭނުންކުރުމެވެ. ޙިކުމަތަކީ ރިވެތި ނަސޭހަތާ ތަފާތު އެއްޗެއްކަން މި އާޔަތަށް ބެލުމުން އެނގެއެވެ. އެއީ އެއަށްފަހު ނަސޭހަތުގެ ވާހަކަ އަންނާތީއެވެ. މިސާލަކާއެކު ބޮޑަށް ސާފުވާނެތީ މިސާލެއް ދަންނަވާލާނަމެވެ. ފުރާވަރު ކުދިންގެ ކިބައިގައިވެސް އެކުދިން އިސްކަންދޭ ކަންތައްތަކެއް ހުރެއެވެ. އެކުދިންގެ ބޭނުމަކާ މަންމަގެ ބޭނުމަކާ ފުށުއަރާ ހާލަތުގައި ދެންވާނީ ކިހިނެއްހެއްޔެވެ؟ މިސާލަކަށް ރަހުމަތްތެރިންނާއެކު ކުޅެންދާން އޮތީއެވެ. އެވަގުތާ ދިމާވާގޮތަށް ބޮޑުދައިތަގެ ގެއަށް ކޮންމެވެސް އެއްޗެއް ގެންދަން ބުނަނީއެވެ. ވަގުތުން ޖަވާބު އަންނާނީ، ކުޅެންދާންޖެހޭތީ ދެވެން ނެތްވާހަކައެވެ. ޙިކުމަތުގެ ބޭނުންކުރަމާ ހިނގާށެވެ. ކުޅެންދާ މަގުމަތީ މި އެގެއަށް ގެންގޮސްފަ ދިއުން ކިހިނެއްވާނެ ހެއްޔެވެ؟ އޭރުން ތަފާތުވެދާނެއެވެ. އޭގެ ފަހުން ކުޅެ ނިމިގެން އައުމުން، ގެންގޮސްދިނީމަ އެކަން ބަލައިގަނެ ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމުގެ މެސެޖު ދެވިދާނެއެވެ.
ދެވަނަ ކަމަކީ، ރިވެތި ނަސޭހަތްދިނުމެވެ. ރިވެތި ނަސޭހަތަކީ، ﷲ އެކަށައަޅުއްވާފައިވާ ސީދާ މަގެވެ. ދީނުގެ ހަމަތަކެވެ. އަމުރުކުރެއްވި ކަންކަން ކުރުމަށް އިރުޝާދު ދިނުމެވެ. މިގޮތަށް ހެޔޮނަސޭހަތުގެ މަގު ޚިޔާރުކުރާއިރުގައިވެސް، ޙިކުމަތާނުލައި އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ. ކުރިން މިބުނެވުނު މިސާލުގައި ޙިކުމަތް ދޫކޮށް، ރިވެތި ނަސޭހަތަށް ދިޔަނަމަ ނިކުންނާނެ ނަތީޖާ ތަފާތުވެދާނެއެވެ. ނުދެވޭނެކަމަށް ހަމަ ބުނުމާއެކު، ރިވެތި ނަސޭހަތަށް ދިޔަ ނަމަ ކާމިޔާބުވުމުގެ ފުރުޞަތު ނެތި ހިނގައިދާނެއެވެ. ކާމިޔާބު ނުވާނެ ވާހަކައެއް ނޫނެވެ. ޙިކުމަތުގެ ތަރުތީބު އިސްކުރަންޖެހެނީ އެއީ ދެބަސްވުމަކަށް ހިތްހަމަ ނުޖެހުމަކަށް ނުގޮސް ބޭނުންވާ ފިލާވަޅު ދެވުމުން ބަލައިގަންނަގޮތް ތަފާތުވާނެތީއެވެ. އެގޮތް ހެޔޮއަސްރުކުރުމާ ގާތެވެ.
ތިންވަނަކަމަކީ، ރިވެތި ގޮތުގައި ޖަދަލު ކުރުމެވެ. އޭގެ މާނައަކީ ޙުއްޖަތް ދައްކައިގެން ބުއްދީގެ ހަމަ ދައްކައިގެން ވަކި ކަމެއް ވިސްނައިދިނުމެވެ. ހުޅުވިފައިވާ މިދުނިޔޭގައި ފިކުރީ ކުނިބުނި ވަރަށް ގިނައެވެ. މިފަދަ ކަންކަން ޅަ ސިކުނޑިތަކަށް ވަނުމަކީ ދުރުގައިވާކަމެއް ނޫނެވެ. އެފަދަ ކަމެއްގެ ސުވާލު އުފައްދާ ޖަދަލުކުރާނަމަ ހާރުވާލުމަކީ ރަނގަޅުވުމަށްވުރެ އެކަން ގޯސްވުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ. މިހެންކަމުން އެފަދަ ކަމެއް ދިމާވެއްޖެނަމަ ކުއްޖާއަށް އެކަން ވިސްނައިދިނުމުގެ ގޮތުން އޮތްގޮތަކީ ޙުއްޖަތާއެކު އެކަން ވިސްނައިދިނުމެވެ. ހާރުވާލައިފިނަމަ އެކަން އޮންނާނީ ޖަވާބެއް ނުލިބި ސުވާލެއްގެ ތެރޭގައެވެ. އެއްކަލަ އިހްސާސް އެކުއްޖާގެ ހިތުގައި ހިނގާވަރުން ހިނގާނެއެވެ. ހާރުވާލުމުން ދެކަމެއް މައިގަނޑު މެދުވެރިވެދާނެއެވެ. އެއްކަމަކީ އިތުބާރު ގެއްލި ދެވަނަ ފަހަރު އެފަދަ ކަމެއް ހިއްސާ ނުކުރުމެވެ. އަނެއްކަމަކީ މަގުގެއްލިގެން ދިއުމެވެ. މި ދެގޮތަކީވެސް އަޅުގަނޑުމެން އެދޭގޮތަކަށް ނުވާނެއެވެ. މިހެންކަމުން ހެޔޮގޮތުގައި ޙުއްޖަތްދައްކައިގެން އެކަމަށް ހައްލެއް ގެނައުމަށްވުރެ ވަކިން ރަނގަޅުގޮތެއް ނުއޮންނާނެއެވެ.
މިއިން ކޮންމެ ކަމަކީވެސް، އަމިއްލައަށް ނުކުރެވޭ ހާލަތުގައި، ކަމުގެ އަހުލުވެރިންގެ އެހީ ހޯދަންޖެހޭނެ ކަންކަމެވެ. ނުރަނގަޅު ފިޔަވަޅެއް އެޅިއްޖެނަމަ، ރަނގަޅު ނަތީޖާއެއް ނުނިކުންނާނެތީއެވެ.
ހަތަރުވަނަކަމަކީ، ﷲ އާ ވަކީލުކުރުމެވެ. މިކަން އެނގެނީ އާޔަތުގެ ކޮން ބަޔަކުންހެޔެވެ؟ (إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ) [النحل: 125] މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.” އެއީ ތެދުމަގު ދެއްކެވުމާއި، މަގުފުރެއްދެވުމަކީ ﷲ އަށް ޚާއްޞަވެވޮޑިގެންވާ ކަމެކެވެ. އާޔަތުގައި އޮތް އިރުޝާދުގައި ހިފާ ކުއްޖާއަށް ތެދުމަގު ދައްކަވާ ހެޔޮކަންކަމަށް ހިތްފަތަޙަކޮށްދެއްވުން އެދި ދުޢާދެންނެވުމަކީ، މައިން ބަފައިންގެ ވާޖިބެކެވެ. ބަރީއަވެވެން ނެތް ޒިންމާއެކެވެ.
މި މަންހަޖު ކީރިތި ޤުރުއާނުގައި ބޭނުންކޮށްފައިވާ ރީތި އެހެން މިސާލެއް ބަޔާންކޮށްލާނަމެވެ. (وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ) [لقمان: 13] މާނައީ: “އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.”މިއާޔަތުގެ يَٰبُنَىَّ މިކަލިމައިގައި ތިރީގައި ރޮގެއް ދެރޮނގެއް ދައްމަވާލައްވާށެވެ! އެއަށްފަހު ކަލިމައާ ދޭތެރޭގައި ވިސްވާލައްވާށެވެ. މި ލަފްޒު ދިވެހި ބަހުން ބުނަންޏާ އެންމެ ސާދާކޮށް ބުނެވޭނީ މިހެންނެވެ. “އޭ މަގޭ ކުޑަކުޑަ ލޯބިލޯބި ދަރިފުޅާއެވެ!” މިހާލޯބިން މިބުނަނީ ކޮން ވާހަކައެއްހެއްޔެވެ؟ މިތަނުގައި މިހާލޯބިން މި ބުނަނީ ޝިރުކު ނުކުރާރެށެވެ! މިއީ ކިހާވަރެއްގެ ކަމެއްކަން އެއްވެސް މުސްލިމަކަށް އޮޅިފައެއް ނުއޮންނާނެއެވެ. އެއީ ޝިރުކެވެ! ޝިރުކު ކުރުމަށްވުރެ ބޮޑު އެއްވެސް ފާފައެއް ނުއޮވެއެވެ. މިފަދަ ކަމަކަށް ނަސޭހަތްތެރިވާންޖެހެނީ ޝިރުކުގެ ޢަމަލެއް ކޮށްގެން ކަމުގައިވިއަސް އެ ނަސޭހަތް ދޭންޖެހޭނީ މިހެންނެވެ. ސަބަބަކީ ކޮބާހެއްޔެވެ؟ ސަބަބަކީ މީހަކު ވަކި ކަމަކަށް ޢަމަލުކުރާނީ އޭނާ ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށެވެ! ޝިރުކާ ގުޅޭގޮތުން ބުނާނަމަ އެކަން ނުކޮށް ހުއްޓާލާނީ އެކަން ހުއްޓާލުމަށް އޭނާ ޤަބޫލުކުރާ ކުރުން ނުވަތަ ޢަޤީދާ އެގޮތް ނިޔާކުރާނަމައެވެ. ނޫންނަމަ ކިތަންމެ ވަރަކަށް މީހަކު ވާހަކަ ދެއްކިއަސް އެއަކުން ނަތީޖާއެއް ނުނިކުންނާނެއެވެ. މީހާގެ ހިތާ ހަމައަށް ފޯރުމަށް އޮތް މަގަކީ އޯގާތެރި ބުނުމެވެ. މިހެންވެ ﷲ ވަޙީކުރައްވަނީ (وَقُولُوا لِلنَّاسِ حُسْنًا) [البقرة: 83] މާނައީ: “އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!” މިފަދައިންނެވެ.
މިއާޔަތުގައި އޯގާތެރިކަމުގެ ކުރިއަށް ނެރެފައި މިވަނީ ޙިކުމަތެވެ. އެއީ އޯގާތެރިގޮތް ޚިޔާރުކުރުމުގެ ގޮތުން ބަސް ބޭނުންކޮށްފައިވާގޮތެވެ. ބަސް ޚިޔާރުކުރުމަކީ ފަންނެކެވެ. ޢިލްމެކެވެ. ޙިކުމަތުގެ ތެރޭގައި ރިވެތިގޮތާއި ޢިލްމުވެސް ހިމެނޭނެއެވެ. މިހެންކަމުން ތަރުބަވީ ދިރާސާތަކާއި ނަފްސާނީ ޢިލްމަކީވެސް ޙިކުމަތުގެ ތެރެއަށް ވަންނާނެ ކަންކަމެވެ.
އޯގާތެރި ރިވެތި ބުނުން ރަމްޒުކޮށްދޭ އެހެން މިސާލެކެވެ. ފިރުޢައުނަކީ ކާކުތޯއެވެ! ފިރުޢައުނުގެ ނޭއްގާނީކަމާއި ބޮޑާކަމާއި، ނުލަފާކަމުގެ ވާހަކަ ނުދަންނަ މުސްލިމަކު ނުހުންނާނެއޭ ބުނުމަކީ ހަޤީޤަތާ ޚިލާފު ވާހަކައަކަށް ނުވާނެއެވެ. އޭނާއާ މުޚާޠަބު ކުރުމަށް މާތް ﷲ އަމުރުކުރެއްވީ ކިހިނެއްހެއްޔެވެ؟ މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ: (اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ) [طه: 43،44] މާނައީ: “فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.”
ތަރުބިއްޔަތުކުރުމަށް މިއުޅެނީ މަގޭ ލޯބިވާ ދަރިފުޅެވެ! ހަށިގަނޑުގެ ބައެކެވެ. މަގޭ ދެލޮލެވެ. މޭގަނޑުގެ ބައެކެވެ. ހެޔޮކޮށް މަޑުމައިތިރިކޮށް ބުނުން މިއަށްވުރެ އައުލާކަން ބޮޑު ފަރާތެއް ހުންނާނެހެއްޔެވެ؟ ނުހުންނާނެއެވެ. ފިރުޢައުނަށް މަޑުމައިތިރި ބަސްބުނަން އަމުރުކުރެއްވި ފަރާތުން އަމުރުކުރައްވާފައިވަނީ ޢިބްރަތަށްޓަކައެވެ. ތަރުބަވީ ފިލާވަޅަކަށްޓަކައެވެ. ނޫންނަމަ ފިރުޢައުނުގެ ފެށުމާއި ނިމުން އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން އެގޮތަކަށް އަމުރެއް ނުކުރެއްވީހެވެ.
އަނިޔާވެރިވުމަކީ ހަމައެކަނި ހަށިގަނޑަށް ދެވޭ އަނިޔާއެއް ނޫނެވެ. ހިތުގައި އެޅޭ ކޫރުމަކީ މާފުން ޒަޚަމެކެވެ. އެންމެ ނުރައްކާ ކަމަކީ އެއީ ފެންނަ އެއްޗެއް ނޫނެވެ. ހަށިގަނޑުގައި ހުންނަ ފާރުގަނޑު ފެންނާނެއެވެ. ފަސޭހަ ނުވާނަމަ ބޭސްކުރުން ހުއްޓައެއް ނުލާނެއެވެ. ނަމަވެސް ހިތުގައި އިންނަ ކޫރުން އެގޮތުގައި އިންނަނީ ކިތައް ދުވަހުކަމެއް ނޭނގެއެވެ. ފިލާނުގޮސް ކިތަންމެ ދުވަހެއްވިއަސް އެކަމެއް ނުއެއް އެނގެއެވެ. އަމުދުން މައިންބަފައިންނަށް ކުއްޖާ އިތުބާރު ނުކުރާނަމަ އެކަމުގެ ހަގީގަތެއް ނުހޯދޭނެއެވެ. ކަނޑުއަޑިއަށް ފީނައިގެން އެއްޗެއް ހޯދުމަށްވުރެ ކުއްޖާގެ ހިތުގައި ހުންނަ މިފަދަ ޒަޚަމުތައް ހޯދުމަކީ މާ އުނދަގޫކަމެކެވެ. މިހެންވެ ކުރަންވީ ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޫރުމެއް ނޭޅުވުމެވެ. ހެޔޮބަހެއް ނޫނީ ނުބުނުމެވެ. އޯތެރިވުން އިސްކުރުމެވެ. ބުނާ ބަހާ ކުރާ ޢަމަލުގައެވެ.
ނިންމާލުމުގެ ގޮތުން ކަމާގުޅުންހުރި ސުވާލެއް ހުށަހަޅާލާނަމެވެ. އެއީ، މުހިއްމީ އަމިއްލަ ޒާތަށް އިސްކަން ދިނުންހެއްޔެވެ؟ ނުވަތަ އާޚިރު ނަތީޖާހެއްޔެވެ؟ އަމިއްލަ ޒާތަށް އިސްކަން ދޭނަމަ ދަރިފުޅު ހެޔޮ ތަރުބިއްޔަތުން މަޙްރޫމުވާނެއެވެ. ބޭނުންވަނީ އާޚިރު ނަތީޖާނަމަ، ލިބޭނީ ޢަމަލުކުރި ގޮތާ އެއްގޮތް ނަތީޖާއެކެވެ. ރަނގަޅުކަމަކަށް ރަނގަޅުހުއްޓެވެ. ނުބައިކަމަކަށް ނުބައިހުއްޓެވެ.
ކުއްޖާގެ އުފަންވުމާއި ހެދިބޮޑުވުމަކީ، ދަނޑުބިމުގައި ކުރާ ގޮވާމެއް ފަދަ އެއްޗެކެވެ. ފުރަތަމަ ބިމުން ފާއްދާލާއިރު ވަރަށް ނިކަމެއްޗެވެ. ވަރަށް ކުޑައެވެ. އެ ގަސް ހިމާޔަތް ނުކޮށްފިނަމަ އެކި އެކި ސޫފީގެ އުނދަގޫވާނެއެވެ. މީހުންގެ ފައިން އެރި މަރުވެދާނެއެވެ. ނުވަތަ ގުރުޑުވެދާނެއެވެ. އިތުރު ބަލިތަކުގެ ޝިކާރައަކަށްވެދާނެއެވެ. އެއީ އޭގެ ޅަކަމުންނެވެ. މިހެންވެ ވަށައިގެން އެގަސް ނުވަތަ ގަސް ހިމެނޭ ސަރަހައްދު ހިމާޔަތްކުރެވެއެވެ. ހެދިބޮޑުވުމުގެ މަރުޙަލާގައި ތަފާތު ބަލިބައްޔާ ކުރިމަތިވެއެވެ. އެއަށް ފަރުވާ ދެވެއެވެ. އަދި ގަހުގެ ގޮފި ކަނޑާލަންވެސް ޖެހެއެވެ. ކާނާ އަޅަންޖެހެއެވެ. ކޫޑިފިލުވަން ޖެހެއެވެ. އެއީ އޭގައި މޭވާ ނުވަތަ ގޮވާން އެޅުވުމަށްޓަކައެވެ. އަދި އޭގެ ވަރި ހެޔޮކުރުމަށްޓަކައެވެ.
މިހެންވެ ޢިބުރަތަކީ އާޚިރު ނަތީޖާއެވެ. އެއްވެސް ހާލަތެއްގައި ވަގުތުން ނަތީޖާއެއް ނުނިކުންނާނެއެވެ. ވަގުތުން ނަތީޖާ ނެރެން ކުރާ މަސައްކަތަކީ އަވަސްއަރުވާލުމެކެވެ. އެއީ ޝައިޠާނާގެ މަގެވެ. އެމަގުގައި ކާމިޔާބެއް ފަލާޙެއް ނުވެއެވެ. ވުމާއެކު ދަރިފުޅު ތަރުބިއްޔަތު ކުރުމަށްޓަކައި ޤުރުބާންކުރަންޖެހުނު ކޮންމެ ކަމެއް ޤުރުބާންކޮށް އާޚިރު ނަތީޖާ ރަނގަޅުކުރަން މަސައްކުރަމާ ހިނގާށެވެ. ތަރުބަވީ މިފިލާވަޅާ ދުރަށް ގޮސްފިނަމަ އަޅުގަނޑުމެންގެ މުޖްތަމަޢުގައި އުޅޭނީ އޯގާތެރިކަމެއް ނެތް ޑޮކްޓަރުންނާއި ޢަދުލުވެރިކަމެއް ނެތް ފަނޑިޔާރުންނާއި، އޮށްޓަރެއް ނެތް ޓީޗަރުންނާއި، މިނޫންވެސް ސަލްބީ އެތައް ސިފައެއްގެ ވެރިންނެވެ. އަދި މިފަދަ ފަރާތްތައް މުޅި މުޖްތަމަޢުގެ އެކި ކަންކޮޅުގައި އޭރުން ރުކުރުވާލަފާނެއެވެ. މިންޖުވާން ނެތް މިންވަރަށެވެ.
ނަތީޖާއަކީ މުޖްތަމަޢު ފަސާދަވެ ހަލާކުވުމެވެ. ކޮންކަމެއްގެ ސަބަބުންހެއްޔެވެ؟ މައިގަނޑުގޮތެއްގައި އޯގާތެރިކަމުގެ އިލާހީ މަންހަޖު ތަރުބިއްޔަތުކުރުމުގައި ބޭނުން ނުކުރުމުގެ ސަބަބުންނެވެ. އެހެން ސަބަބުތައް ނަފީކުރަނީއެއް ނޫނެވެ. މިކަމުގެ މުހިއްމުކަމުގެވާހަކަ ބުނުމަށްޓަކައި މި މޭރުމުން ބުނަން ޖެހުނީއެވެ. މަޑުމައިތިރިކަމާއެކު މުޢާމަލާތްކުރުމުގެ ސަބަބުތަކުގައި ހިފުމާއެކު ކޮންމެވެސް ދުޢާގެ މަތިން ހަނދުމަނެތިކޮށްނުލާށެވެ!
ލިޔުނީ: އަލްއުސްތާޛު މުޙައްމަދު ޢީސާ