ޚަބަރު

ޕީއެސްޖީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗު ވަރަށް ވާދަވެރިވާނެ: ރޮޒީނިއާ


  • މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު

  • ދެވަނަ ލެގު ކުޅޭނީ 18 ވަނަ ދުވަހު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި ޕީއެސްޖީގެ ކުރިމަތިލުން ފެނިގެންދާ މެޗު ވަރަށް ވާދަވެރިވާނެކަމަށް ޗެލްސީގެ ކޯޗު ލިއަމް ރޮޒީނިއާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރު ނެގުން 27 ވަނަ ދުވަހު ބާއްވާފައިވާއިރު، ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން ހޯދި ޗެލްސީން ނުކުންނަން ޖެހުނީ އެންމެފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން، ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮޒީނިއާ ބުނީ، ޕީއެސްޖީއަކީ ވަރަށް މޮޅު ޓީމެއްކަން ގަބޫލުކުރާ ކަމަށާއި، ފްރާންސްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ ހުރި ކަމަށެވެ. ރޮޒީނިއާ ވަނީ، ޗެލްސީގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ފްރާންސްގެ ސްޓްރެސްބާގަށް ކޯޗުކަން ކޮށްދީފައެވެ.

ރޮޒީނިއާ ބުނީ، ޕީއެސްޖީއަކީ އަބަދުވެސް އޭނާއަށް ވަރަށް ކަމުދާ ގޮތްތަކެއް ހުރި ކުލަބެއް ކަމަށާއި، ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން އެ ޓީމަށް މުހިންމު ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.ޕީއެސްޖީއާއި ޗެލްސީގެ މެޗު ވެގެންދާނީ ގިނަބަޔަކު ބަލަން ބޭނުންވާނެ، ވަރަށް ވާދަވެރިކަން ބޮޑުވާނެ މެޗަކަށް ކަމަށް ވެސް ރޮޒީނިއާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ޕީއެސްޖީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޗެލްސީއަށް އަދި ތިން މެޗެއް އެބައޮތް ކަމަށާއި މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ އެ ތިން މެޗަށް ތައްޔާރުވުމަށް ކަމަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗު އޮންނާނީ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ.

ނޮކްއައުޓް ސްޓޭޖުގައި މި ދެ ޓީމު ހިމެނެނީ ވާދަވެރިކަން ބޮޑު ފަޅީގައެވެ. އެއީ ލިވަޕޫލް، ގަލަތަސަރާއި، ރެއާލް މެޑްރިޑް، މެންޗަސްޓަރ ސިޓީ، ބަޔާން މިއުނިކް އަދި އެޓަލާންޓާ ހިމެނޭ ފަޅިއެވެ.

ގަދަ 16ގައި މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާ ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ވާދަކުރަން ޖެހޭނީ ލިވަޕޫލާއި ގަލަތަސަރާއިގެ ކުރިމަތިލުމުން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ.