ޚަބަރު

ޔޫއޭއީއަށް ފުރި ފްލައިޓެއް އެނބުރި ރާއްޖެ


  • ފްލައިޓް އެނބުރި ރާއްޖެ އައި ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން

މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދަތުރުކުރި ފްލައިޓެއް އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރީ އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ދޭން ފެށި ހަމަލާތަކާއި ގުޅިގެނެވެ.

ވައިގެ ސަރަހައްދުތައް ބަންދު ކުރުމާއި ގުޅިގެން އެނބުރި ރާއްޖެ އައިސްފައި ވަނީ މާލެއިން ދުބާއީއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެކެވެ. މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދާން ފުރީ މިއަދު 14:14ގައެވެ. އެހެންނަމަވެސް، އެ ބޯޓު ވަނީ 16:45 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ޖައްސާފައެވެ.

ޔަހޫދީންނާ ގުޅިގެން އީރާނަށް ޙަމަލާދޭން ފެށި ހަމަލާތަކުގައި އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން އެ ޤައުމުގެ ހަތަރު މައި ސަހަރަކަށް މިސައިލް ޙަމަލާތައް އަމާޒުކުރަމުންދާކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެގޮތުން، އެ ތަންތަނުގައި ބާރުގަދަ ގޮވުންތަކާއެކު ދުން އަރަމުންދާ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ޢާންމުވެފައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޔަހޫދީންނާއި އެމެރިކާ ގުޅިގެން ޙަމަލާތައް ޢަމާޒުކުރަމުންދަނީ އީރާނުގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީ އާ ގުޅުންހުރި ތަންތަނަށެވެ.

އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެތެރެއިން ބައެއް ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ޢިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.

ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ފޮނުވަމުންނެވެ.

އޭގެތެރޭގައި، ޤަތަރު، ބަޙްރެއިން، ކުވެއިތު، އުރުދުން، ޔޫއޭއީ ވެސް ހިމެނެއެވެ. ބަޙްރެއިނުން ބުނީ، އީރާނުން ފޮނުވައިލި ދެ މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ.