އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ. ސިފައިން ލަނޑެއް ޖަހާފަ ވަނިކޮށް ފަހަތުން އަރައީ ތިން ލަނޑު ޖަހައިގެން ވިލިމާލެ މޮޅުވީ 3-1 ލަނޑުންނެވެ.
މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗުގައި ވިލިމާލެއިން ވަނީ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާ ސިފައިންގެ ގޯލަށް ނުރައްކާ ކޮއްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިފައިންގެ ޓީމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވިލިމާލެ ގޯލަށް ފޮނުވާލި ހަމައެކަނި ހަމަލާއިން ސިފައިން ލަނޑު ޖެހީ 15 ވަނަ މިނިޓުގައި ކީޕަރު އަތުން ބޯޅަ ދޫވި ވަގުތުގައި ކައިރީގަ ހުރި ސިފައިންގެ ޓީމުގެ އަހުމަދު ރަޝީދު ގޯލަށް ވައްދާލި ބޯޅައިންނެވެ.
މި ލަނޑަށްފަހު ވިލިމާލޭގެ ހަމާލަތައް އިތުރަށް ނުރައްކާ ވެގެން ދިޔައިރު އެޓީމުގެ ހަސަން ސޮލާހު ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ.
ވިލިމާލެ ޓީމުން ނަތިޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި ކީޕަރު އޭރީއާ ބޭރަށް ނުކުތުމުން އޭނަ ކައިރިން ނައްޓާލާފަ އޭރިއާތެރެއަށް ސޮލާހު ވަދެ ހުސްކޮށް އޮތް ގޯލަށް ވައްދާލި ބޯޅައިންނެވެ. މެޗުގެ ދެވަނަ ހާފު ފަށައުގެން ސިފައިންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައީ ވިލިމާލެ ޓީމުންނެވެ. އެގޮތުން މިހާފު ކުރީކޮޅު އެޓީމުގެ ޖުނައިދުއަށް ވަނީ ލަނޑުޖަހަން ރަނގަޅު ދެ ފުރުސަތު ލިބިފައެވެ.
ވިލިމާލެ ޓީމުން ލީޑުނެގީ މެޗުގެ 47 ވަނަ މިނިޓުގައި ސޮލާހު ދިން ބޯޅައަކުން ހުސެއިން ރަޝީދު ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ ފަހުކޮޅުގައި ސިފައިންގެ ޓީމުގެ މުހައްމަދު އާރިފު އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ވިލިމާލޭގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 56 ވަނަ މިނިޓުގައި އާދަމް މައުރޫފްއެވެ.
މި ނަތީޖާއެކު ދެމެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕްއޭ ގެ އެއްވަނައަށް ވިލިމާލެ ޔުނެޓެޑް ވަނީ ޖެހިލާފައެވެ. ދެން މިގުރޫޕުގައި އޮތް މުއިވެޔޮ، ނުރޭޑިއަންޓްގެ އިތުރުން ސިފައިންގެ ޓީމުން ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. މި ގުރޫޕުން ޕޮއިންޓެއް ނުލިބި އޮތީ ދަ ގްރާންޑޭއަށެވެ.