ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި ނާލި އެކްސްޗޭންޖުން މުހިންމު މޮޅެއް ހޯދައިފިއެވެ.
މާފަންނު އެއްނަންބަރު ކުރިކެޓްދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗު ނާލި އެކްސްޗޭންޖުން ކާމިޔާބު ކުރީ އޮފްއެފްސީއާ ވާދަކޮށް 108 ލަނޑުންނެވެ. ގުރުދިމާވުމުން ނާލި ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 169 ލަނޑުހަދާފައެވެ. ނާލި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 7 ބޯޅައިން 36 ލަނޑު ހެދި މުހައްމަދު އާމިރެވެ.
ޖަވާބުގައި އޮފްއެފްސީ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 69 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 21 ބޯޅައިން 20 ލަނޑު އެއްކުރި އިސްމާއިލް ޝަރީފްއެވެ.
މިއަދު ކުޅުނު ދެވަނަ މެޗު މޭރީ ކޯނަރ ކާމިޔާބުކުރީ ހަފްލާންއާ ވާދަކޮށް 55 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. ގުރުދިމާވުމުން ހަފްލާން އިން ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން މޭރީ ކޯނަރ އިން ފުރަތަމަ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ވަނީ 149 ލަނޑުހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 27 ލަނޑު ހެދި މުހައްމަދު އަޒްލީއެވެ.
ޖަވާބުގައި ހަފްލާން ޓީމުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 26 ލަނޑު ހެދި ހުސެއިން ޝަރީފްއެވެ.
މި ނަތީޖާ އެކު ނާލި އެކްސްޗޭންޖުން ވަނީ ގުރޫޕުގެ އެއްވަނައިގަ އޮތް މީޓިއޮސްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮއްފައެވެ. އެއީ 6 ޕޮއިންޓް ހޯދައިގެންނެވެ. މޭރީ ކޯނަރ އިން ހޯދި މޮޅާއެކު އެޓީމަށް ލިބެނީ 2 ޕޮއިންޓެވެ. މި ގުރޫޕުން ޕޮއިންޓެއް ނުލިބެނީ އޮފްއެފްސީއަށެވެ.