ރަމަޟާން މަހުގެ ފަހު 15 ގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި މައްކާއަށް ދާ ގްރޫޕް މިރޭ މައްކާއަށް ފުރާނެއެވެ.
މިގްރޫޕް މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ސަޢުދީއާގެ ފްލައިޓެއްގައެވެ.
ޙައްޖު ކޯޕަރޭޝަނުން އަންނަނީ، ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް ޚާއްޞަ ކޮށްގެން މީހުން ޢުމްރާއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް މުޅި ރަމަޟާން މަހު މައްކާގައި ހޭދަކުރުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދެއްވާފައިވާއިރު، ފަހު 15ގައި ދާން އެދޭ ފަރާތްތަކަށް އެފުރުޞަތުވެސް ވަނީ ހަމަޖައްސަވާފައެވެ.
މުޅި ރަމަޟާން މަހު ދިޔުމަށް އެދުނު ފަރާތްތަކުން ފެބްރުއަރީ 18 ވަނަ ދުވަހު ވަނީ ފުރާފައެވެ. ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރަމަޟާން މަހާ ދިމާކޮށް ޖުމްލަ 553 ފަރާތަކުން ޢުމްރާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން މުޅި ރަމަޟާން މަހު ޢުމްރާއަށް 237 މީހުން ވަނީ ގޮސްފައެވެ. އަދި ފަހު 15ގެ ޢުމްރާއަށް 316 މީހުން ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މައްކާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހުގެ ފަހު 15އާއި ދިމާކޮށް ޕީއެސްއެމް ޓީމުން ދަނީ ޙައްޖު ކޯޕަރޭޝަނާއި ގުޅިގެން ޢުމްރާގެ އަޅުކަމާއި ގުޅޭގޮތުން އަދި ކޯޕަރޭޝަންގެ އިންތިޒާމުތަކާއި، މައްކާ މަދީނާ އަދި އެނޫންވެސް ދީނީގޮތުން މުސްލިމުންގެ މެދުގައި ޝައުޤުވެރި މުހިއްމު ކަންކަމާއި، ތަންތަނާއި ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ.