ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 200 މީހުން ޝަހީދުވެ، 700އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓު ސޮސައިޓީއިން ބުނެފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން އަނެއްކާ ވެސް މި ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދަޢުރަކަށް އެ ޤައުމުގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ވަޑައިގެންނެވިފަހުން، އެމެރިކާއިން އީރާނަށް ޙަމަލާދޭ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޖޫން މަހު ވެސް ޔަހޫދީންނާ ގުޅިގެން އެެމެރިކާއިން އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ޢަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައިވެއެވެ.
ރެޑް ކްރެސެންޓުގެ ތަރުޖަމާނަކު ވިދާޅުވީ އީރާނަށް އަމާޒުވެފައިވާ ޙަމަލާތަކުގައި މިހާތަނަށް ޖުމްލަ 201 މީހުން ޝަހީދުވެ، 747 މީހުންނަށް ޒަޚަމްވެފައިވާ ކަމަށެެވެ. ރެޑް ކްރެސެންޓުގެ 220އަށްވުރެ ގިނަ ޓީމު ޙަމަލާތައް ދީފައިވާ ސަރަޙައްދުތަކުަގައި ޙަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔަހޫދީން ޙަމަލާ ދީފައިވާ ތަންތަނުގެ ތެރޭގައި އީރާނުގެ ހުރުމުޒްޣާން ޕްރޮވިންސުގެ މީނާބް ސިޓީގެ ޕްރައިމަރީ މަދަރުސާއެއް ހިމެނެއެވެ. އެ ޙަމަލާގައި އެކަނި ވެސް 53 މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. އަދި އިތުރު 63 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ވެފައިވެއެވެ. އޭގެ އިތުރުން ތެހްރާންގެ މަދަރުސާއެއްގައި ވެސް ދެ ދަރިވަރުން ޝަހީދުވެފައިވެއެވެ.
އީރާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ. އޭގެތެރެއިން ބައެއް ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ޢިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ދެމުން
ނެވެ. އޭގެތެރޭގައި، ޤަޠަރު، ބަޙްރައިން، ކުވެއިތު، އުރުދުން، ސަޢުދީ ޢަރަބިއްޔާ އަދި އެކުވެެރި ޢަރަބި އިމާރާތް ވެސް ހިމެނެއެވެ.
ވައިގެ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ.