ޚަބަރު

އީރާނުގެ ލީޑަރު ޝަހީދުކޮށްލައިވާކަމަށް ޔަހޫދީން ބުނެފި


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލާފައިވާ ކަމަށް ޔަހޫދީ ދައުލަތުން ބުނެފިއެވެ.

ޔަހޫދީން ބުނެފައިވަނީ ޚާމާނައީ ޝަހީދުވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޝަހީދުކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅުގެ ފޮޓޯތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ނަތަންޔާހޫއަށް ލިބިފައިވާކަމަށް އިސްރާއީލުގެ އެކި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެމެރިކާއާ ޔަހޫދީންނަށް ވާގިވެރިވާ މީޑިއާތަކުން ޚާމަނާއީ ޝަހީދުކޮށްލާފައިވާކަމަށް ރިޕޯޓުކުރި ނަމަވެސް އީރާނުން އަދި މިކަން ކަށަވަރިކޮށްދީިފައެއް ނުވެއެވެ. މިކަމުގައި އީރާނުން ބުނެފައިވަނީ އީރާނުގެ ރައީސާއި ރޫޙާނީ ލީޑަރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

އީރާނުގެ ސުޕްރީމް ލީޑަރު ނުވަތަ ރޫޙާނީ ލީޑަރަކީ އެ ޤައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސްމެ އެވެ. އަދި ޤައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

ޔަހޫދީންގެ އަސްކަރިއްޔާގެ ތަރުޖަމާނު އެފީ ޑެފްރިން ޓީވީ ޚިޠާބުގައި ވިދާޅުވެފައިވަނީ މިއަދު އީރާނަށް ދިން ހަމަލާތަކުގައި ޔަހޫދީން އީރާނުގެ އިސް ބައެއް އޮފިޝަލުން މަރާލާފައިވާ ކަމަށެވެ. އިސްރާއީލުން މަރާލި ކަމަށް ބުނާ މީހުންގެ ތެރެއިން އެންމެ އިސް މީހަކީ އީރާނުގެ ޤައުމީ ސަލާމަތީ މަޖިލީހުގެ ކުރީގެ ސެކްރެޓަރީ އަދި ސުޕްރީމް ލީޑަރު ޚާމަނާއީގެ ގާތް މުޝީރެވެ.

ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 200 މީހުން ޝަހީދުވެ، 700އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓު ސޮސައިޓީއިން ބުނެފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން އަނެއްކާ ވެސް މި ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް އެ ޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަޑައިގެންނެވިފަހުން، އެމެރިކާއިން އީރާނަށް ޙަމަލާދޭ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޖޫން މަހު ވެސް ޔަހޫދީންނާ ގުޅިގެން އެެމެރިކާއިން އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ޢަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައިވެއެވެ.