ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ލަމީން ޔަމާލް ހެދި ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ. ލަމީން ޔަމާލް މި މެޗުގައި ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޫ ގައި ކުޅުނު މި މެޗުގެ 28 ވަނަ މިނިޓުގައި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ 37 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފަރމިން ލޮޕޭޒް ދިން ޕާހަކުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ވިޔަރެއާލްގެ ގޯލަށް އަމާޒުކޮށް އެ ޓީމުން ވަނީ ޖުމްލަ 8 ހަމަލައެއް އުފައްދާފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ވިޔަރެއާލްގެ ޕާޕޭ ގުއާއޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް އޭގެ 20 މިނިޓު ފަހުން މެޗުގެ 69 ވަނަ މިނިޓުގައި ޕެޑްރީ ދިން ޕާހަކުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. ލަމީން ޔަމާލް އުމުރުން އެންމެ 18 އަހަރާއި 230 ދުވަހުން ހެދި ހެޓްރިކާއެކު އޭނާ ވެފައިވަނީ މި ގަރުނުގެ ތެރޭގައި ސްޕެނިޝް ލަލީގާގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ޖުމްލަ 64 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އަށް 25 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.