ޔަހޫދީންނާއި އެމެރިކާ ގުޅިގެން އިސްލާމީ ދައުލަތެއް ކަމުގައިވާ އީރާނަށް ފެބުރުވަރީ 28ވަނަ ދުވަހު ދިން ނިރުބަވެރި ޙަމަލާތަކުގައި އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދުކޮށްލުމާ ގުޅިގެން އެ ކަމުގެ ބަދަލުހިފާނެ ކަމަށް ބުނެ، އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަރުގަދަ އިންޒާރެއް ދީފިއެވެ. ޚާމަނާޢީ ޝަހީދުކޮށްލާފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ގުޅިގެން ރޭވި އަސްކަރީ އޮޕަރޭޝަނެއްގައެވެ. އެއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ސިފަކުރައްވާފައެވެ.
ޔަހޫދީ ފައުޖާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން އީރާނަށް ޙަމަލާ ދީފައި މި ވަނީ، އެމެރިކާއާއި އީރާނާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު މަޑުޖެއްސުމަށް ދެ ޤައުމުގެ ދެމެދުގައި ކުރަމުން ދިޔަ ނުރަސްމީ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި، މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން ދިޔަ އޮމާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންނާއި އެމެރިކާގެ ފައުޖުތަކުން ދީފައިވާ ޙަމަަލާތަކުގައި ޚާމަނާޢީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި، ދަނބިދަރިފުޅު އަދި ކާފަދަރިފުޅު ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ޚާމަނާޢީ ޝަހީދުކޮށްލުމާ ގުޅިގެން އޭނާގެ މަރަށް އިންސާފު ހޯދުމުގެ ގޮތުން އައިއާރްޖީސީން މިހާރު ވެސް ވަނީ އެމެރިކާއާއި ޔަހޫދީ އިސްރާއީލުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. އަދި، މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށާއި ޔަހޫދީ އިސްރާއީލުގެ ތެލް އަވީވްގައިވާ އަސްކަރީ މަރުކަޒުތަކަށް އައިއާރުޖީސީން ވަނީ ޙަމަލާދީފައެވެ. އީރާންގެ ޙަމަލާތައް އަމާޒުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޤަޠަރު، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ކުވައިތު، ބަޙްރައިން، އުރުދުން، ސަޢޫދީ ޢަރަބިއްޔާ އަދި ޢިރާޤު ހިމެނެއެވެ.
ޤަޠަރުގެ ދަވްޙާއާއި ޔޫއޭއީގެ ދުބާއީއަށް އައިއާރްޖީސީން މިހާރު ވެސް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޤަޠަރުގެ ވައިގެ ދިފާޢީ ނިޒާމުން އީރާނުގެ ޙަމަލާތައް ދިފާޢު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އީރާންގެ ޙަމަލާތަކުގައި ބޭނުން ކުރަމުންދާ މިސައިލްތަކާއި ޑްރޯންތަކުގެ ބައިތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދަނީ ވެއްޓެމުންނެވެ. އީރާނުން އިތުރު ޙަމަލާތަކެއް ދޭނެކަމަށް ބެލެވޭއިރު، ސަރަޙައްދުގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދު ވަނީ މުޅިން ބަންދުކޮށްފައެވެ.
ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން ދީފައިވާ ޙަމަލާތަކުގައި ޚާމަނާޢީގެ ސަލާމަތީ ދާއިރާގެ އިސް މުޝީރު، ޢަލީ ޝަމްޚާނީއާއި އައިއާރްޖީސީގެ އިސް ކޮމާންޑަރު، މުޙައްމަދު ބަކްބޫރް ހިމެނެއެވެ. އީރާނުގެ 24 ޕްރޮވިންސަކަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 201 އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި އަންހެންކުދިންގެ މަދަރުސާއަކަށް ބޮންއަޅައި ޝަހީދު ކޮށްލާފައިވާ 148 މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނޭއިރު، އިތުރު 95 މީހުން ވަނީ ޒަޚަމުވެފައެވެ.