ޚަބަރު

ކޮނޑޭ، ކާށިދޫ މަޝްރޫޢު: އަގު އެއްކޮށްގެން ތަކެތި ވިއްކަން ބޮޑު ލުޔެއް!


  • އިންވެސްޓަރުން ހޯދައިގެން ދަނޑުވެރިކަން ފުޅާކުރުމުން އިތުރު ކުރިއެރުމެއް ލިބޭނެ

  • ވެލިއު އެޑިޝަން ސެންޓަރުތައް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުން

ކޮނޑޭއާއި ކާށިދޫގައި ސަރުކާރުން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ މަޝްރޫޢާއެކު އަގު އެއްކޮށްގެން ތަކެތި ވިއްކުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މި އަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް މިހާރު ފަހި މާޙައުލެއް ޤާއިމްކުރެވިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ގއ. ކޮނޑޭއާއި ކާށިދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ ދަށުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ ފުރުސަތުތަކަކީ ވަރަށް އުއްމީދީ މަސައްކަތެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، މިހާރުވެސް ކާށިދޫ އަދި ކޮނޑޭގައި ރަނގަޅަށް ދަނޑުވެރިކަން ކުރަމުން ދާ ކަމަށެވެ. އެގޮތުން ބިންތަކަށް އިންވެސްޓަރުން ހޯދައިގެން ދަނޑުވެރިކަން ފުޅާކުރުމަކީ، އެ ފަރާތްތަކަށް ލިބޭ އިތުރު ކުރިއެރުމަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިތުރަށް ފުޅާކުރުމުގެ މާނައަކީ ޒަމާނީ ދަނޑުވެރިކަމަށް ތިމާވެއްޓާއި ގުޅުންހުރި ގޮތަކަށް ދަނޑުވެރިކަން ކުރަން މިރަށް ރަށުގެ ދަނޑުވެރިން ބޭނުންވޭ. އެހީތެރިކަމާއެކު ކާށިދޫގައި އެބަހެދޭ ކޭލާ އެއްޗެހި. ކޭލުން އިތުރަށް ވެލިއު އެޑްކުރަން، މިސާލަކަށް ޗިޕްސް ހެދުމާއި ނުވަތަ އައިސްކްރީމް ހެދުން، ވަސީލަތްތައް ގެނެސްގެން އިތުރު ކުރިއެރުމެއް ދެވޭނެ ފަދަ ގޮތަަކަށް ރޭވިފައިވަނީ." ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، އަގު އެއްކޮށްގެން މަސައްކަތް ކުރަން ފެށުމުން މިކަމުން ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. ވެލިއު އެޑިޝަންއަކީ މިހާރުވެސް ކުރަމުންދާ ކަމެއް ކަމަށާއި، އިތުރު ކުރިއެރުމަކަށް ވާނީ ޒަމާނީ ދަނޑުވެރިކަން ގެނެސް ވެލިއު އެޑިޝަން ސެންޓަރ ނުވަތަ މެޝިނަރީސް ގެނެސްގެން މިކަން ކުރަން ފެށުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

'ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް'ގެ ދަށުން ކޮނޑޭއާއި ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ލ.ގަމާއި ހދ.ނޮޅިވަރަމުގައި މަޝްރޫޢުތައް ކުރިއަށް ގެންދަން މި އަހަރު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތަކުގައި މަސައްކަތް ކުރާނީ، ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އުފެއްދުންތައް ގަނެ ވިއްކުމުގައި ދިމާވާ ދަތިތައް ފަދަ ރަށު ފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ސިންދަފާތު ކުރުމަށްޓަކައި ވެލިއު އެޑިޝަން ސެންޓަރުތައް އުފެއްދުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ބާވަތްތައް އާލާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަށް ބަދަލު ކުރުމުގެ ގޮތުން ސަރުކާރުން ދަނީ ތަފާތު އެކި މަޝްރޫއުތައްވެސް ހިނގަމުންނެވެ.