ޚަބަރު

އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަޝްވަރާކުރަނީ


  • މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިޤްތިޞާާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއް

  • އަމާޒަކީ ފަތުރުވެރިންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ދިމާވާ ދަތިތައް ކުޑަކުރުން

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަޝްވަރާ ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ އެވުޒާރާއިން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާގެ ބަޔާނުގައިވަނީ މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި ކަމާއި ގުޅޭ އަދި ބައިނަލްއަޤްވާމީ އިދާރާތަކާއި ގުޅިގެން އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަކަމަށްވަނީ ވިދާޅުވެފައެވެ.

ދަތުރުފަތުރާއާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުންކަމަށެވެ.

މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީނަމަވެސް އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ކުރިއަށްދާނީ ތާވަލާއި އެއްގޮތައްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން އެ ވުޒާރާއިން ދަނީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ޤައުމެއްކަމަށާއި އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިންވަނީ އަރުވާފައެވެ. އަދި މަޝްރަހަށް އަންނަ ބަދަލުތަކާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެކަމަށްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.