އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ ވައިގެ ސަރަޙައްދަށް ވަން ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށް، ޠާލިބާން ހަނގުރާމަވެރިން ޙަމަލާދީފިއެވެ. ދެ ޤައުމުގެ ދެމެދުގައި "ހާމަ ހަނގުރާމައެއް" ފެށިފައިވާ ކަމުގެ އިންޒާރު އިސްވާރުން ދެއްވާފައިވާ މި ދަނޑިވަޅުގައި، ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް އިތުރަށް ގޯސްވެފައި މި ވަނީ ސަރަޙައްދީ މަސްރަޙު ވެސް އިންތިހާއަށް ނުތަނަވަސްވެފައިވާ ވަގުތެއްގައެވެ.
މި ގޮތުން، ޔަހޫދީ ފައުޖާއި އެމެރިކާ ގުޅިގެން އިސްލާމީ ދައުލަތެއް ކަމުގައިވާ އީރާނަށް ޙަމަލާ ދިނުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދޭން ފަށާފައެވެ. އަދި، ޙަމަލާ ބަދަލުކުރުންތަކާ ގުޅިގެން މުޅި ސަރަޙައްދުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ޙަމަލާ ދޭން ފަށާފައި މި ވަނީ، އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް ތައްޔާރަށް އޮތް ކަން ތަހްރާނުން ހާމަކުރިތާ އެއް ދުވަސް ފަހުންނެވެ.
މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މާރިޗު 1 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ކާބުލްގެ އެކި ސަރަޙައްދުތަކުން ބާރުގަދަ ގޮވުންތަކާއި ބަޑީގެ އަޑު އިވެމުންދާ ކަމުގައެވެ. އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ތަރުޖަމާނު ޛަބީޙުﷲ މުޖާހިދު ބުނީ، އެއީ ކާބުލްގެ ވައިގެ ސަރަޙައްދަށް ވަން ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށް އަފްޣާނިސްތާނުގެ ފައުޖުތަކުން ޙަމަލާ ދެމުންދާ އަޑުތައް ކަމުގައެވެ.
"ޕާކިސްތާނުގެ މަތިންދާބޯޓުތަކާ ދެކޮޅަށް ކާބުލްގައި ވައިގެ ދިފާޢީ ޙަމަލާތަކެއް ވާނީ ދީފައި. ކާބުލްގެ ރައްޔިތުން މި ކަމާ ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް،" އޭނާ ބުންޏެވެ. މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުންނާއި، އިންފޮމޭޝަން މިނިސްޓްރީގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާއިން ވެސް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ހުސްވި ހަފުތާގައި ވެސް ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އެއީ، އަފްޣާނިސްތާނުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި ކާބުލުން ސިފަކުރިއެވެ.
ޕާކިސްތާނުން ބުނީ، އެ ޤައުމުގެ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޕާކިސްތާނުގެ އެތެރޭގައި ނިރުބަވެރި ޙަމަލާތައް ދެމުންދާ ތަހްރީކް-ޠާލިބާން ޖަމާޢަތުގެ މެންބަރުންނާއި މަރުކަޒުތަކަށް ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ޠާލިބާނުންގެ ސަރުކާރުން ޙިމާޔަތް ފޯރުކޮށްދެމުންދާ ކަމުގައި އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ. ނަމަވެސް، ޠާލިބާނުން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. ދެ ޤައުމުގެ ދެމެދުގައި "ހާމަ ހަނގުރާމައެއް" ފެށިފައިވާ ކަމުގައި ވިދާޅުވެ، އިންޒާރު ކުރައްވާފައި ވަނީ ޕާކިސްތާންގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފެވެ. "މިހާރު ހިނގަމުން މި ދަނީ ހާމަ ހަނގުރާމައެއް،" އޭނާ ވިދާޅުވެފައިވެއެވެ.
އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރު ސިރާޖުއްދީން ޙައްޤާނީ ބުނީ، ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، ދެ ފަރާތުން ދައްކަން ޖެހޭ އަގު ނުހަނު ބޮޑުވާނެ ކަމުގައެވެ. "މިހާތަނަށް ހަނގުރާމައިގައި ބައިވެރިވަމުންދަނީ ސަރަޙައްދީ ރޮނގުގެ ކުރީ ސަފުގައި ތިބި ފައުޖުތައް އެކަނި. އަފްޣާނިސްތާނުގެ މުޅި އަސްކަރިއްޔާ އަދި މި ހަނގުރާމައަށް ފުރިހަމައަށް ނެރެފައެއް ނުވާނެ،" ޕާކިސްތާނަށް އިންޒާރު ދެމުން އޭނާ ބުންޏެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަމުގައި އިސްނަގާފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ އަދި ޤަޠަރު ހިމެނެއެވެ. އެ ދެ ޤައުމުން ވެސް ވަނީ ސުލްޙަވެރިވުމަށް ގޮވައިލައި، މައްސަލަތައް ޙައްލު ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރު ކަން ހާމަކޮށްފައެވެ. ރަޝިޔާއާއި ޗައިނާގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)އާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ން ވެސް ވަނީ ޙަމަލާތައް ހުއްޓައިލާ، މަޝްވަރާ އިސްކުރުމަށް ގޮވައިލާފައެވެ. މި ކަމާ ގުޅޭ ގޮތުން އެމެރިކާއިން ބުނީ، އަމިއްލަ ދިފާޢުގައި ހަނގުރާމަ ކުރުމުގެ ޙައްޤު ޕާކިސްތާނަށް ލިބިގެންވާ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ.