ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑު ބަލިކޮށް، ފައިނަލްގެ ޖާގައެއް ހޯދިދާނެކަމަށް ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.
ސްޕެނިޝް ލަލީގާގައި ވިޔަރެއާލާ ދެކޮޅަށް ކުޅެ 1-4 އިން ބާސެލޯނާ މޮޅުވި މެޗުގައި ލަމީން ޔަމާލް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗުގައި ޔަމާލް ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު މިއީ ބާސާގެ ޖާޒީގައި އޭނާގެ ފުރަތަމަ ހެޓްރިކެވެ.
މި މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން ޔަމާލް ބުނީ، އުމުރުން 16 އަހަރުން ފެށިގެން އޭނާއަށް ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން މީހުން އުއްމީދުކުރަނީ އޭނާ ކޮންމެ ސީޒަނެއްގައި 100 ލަނޑު ޖަހަން ކަމަށާއި އެހެންނަމަވެސް އެއީ ފަސޭހަކަމެއް ނޫންކަން ކޮންމެ މީހަކު ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.
އޭނާ ބޭނުންވަނީ ކޮންމެހެން ގިނަ ލަނޑުތަކެއް ޖަހަން ނޫންކަމަށާއި ކޮންމެ މެޗެއްގައި ވެސް ޓީމު މޮޅުކޮށްދެވޭ ވަރުގެ ކުޅުމެއް ދަނޑުމަތީގައި ދެއްކުން ފުދޭކަމަށް ޔަމާލް ބުންޏެވެ.
ކުރިއަށް އޮތް މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޔަމާލް ބުނީ، އެތުލެޓިކޯއާ ދެކޮޅަށް ކުޅެ ކަމްބެކް އެއް ހެދުމަކީ ވުން ވަރަށް ގާތް ކަމެއް ކަމަށެވެ. އެހެންނަމަވެސް އެހިސާބަށް ދިއުމަށް ސަޕޯޓަރުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި، އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން އައިސްދިނުމަށް އެދޭކަމަށް ލަމީން ޔަމާލް ބުންޏެވެ.
މި ދެ ޓީމު ބައްދަލުކުރި ކޮޕާ ޑެލްރޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ ބާސާގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
ދެވަނަ ލެގުގައި މި ދެ ޓީމުން ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.