ޚަބަރު

"ޚާމަނާއީ ޝަހީދުކޮށްލައި، ދުނިޔެ އިތުރު ހަމަނުޖެހުމަކަށް"


އީރާނުގެ ރޫޙީ ވެރިޔާ އާޔަތުﷲ ޢަލީ އަލްޚާމަނާއީ ޝަހީދުކޮށްލައި، އެމެރިކާ އިސްވެ އޮވެ، މުޅި ދުނިޔެ އިތުރު ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލާފައިވާކަމަށް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާޤްޗީ ވިދާޅުވެއްޖެއެވެ.

ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރީ އިސްވާރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން ފެބުރުވަރީ 28ވަނަ ދުވަހު އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައެވެ.

ޢާރާޤްޗީ ވިދާޅުވި ގޮތުގައި، މިނިވަން މުސްތަޤިއްލު ޤައުމަކަށް ޙަމަލާދީ، އެ ޤައުމުގެ ވެރިޔަކަށް ހުންނެވި ބޭފުޅަކު ޝަހީދުކޮށްލުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން އެއްވެސް ގޮތެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އަދި ބައިނަލްއަޤުވާމީ ހަމަތަކާވެސް ކަނޑައެޅިގެން ޚިލާފަށް އެމެރިކާ ފަހަތުގައި އޮވެގެން ހިންގި މި ޢަމަލުގެ ސަބަބުން، މުޅި ދުނިޔެ އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލައި، ވަރަށް ނުރައްކާތެރި ޙާލަތެއް އުފަންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޢާރާޤްޗީ ވިދާޅުވީ، ޚާމަނާއީ އަކީ ހަމައެކަނި އީރާންގެ ސިޔާސީ ލީޑަރެއް ނޫން ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ލީޑަރެއްގެ ގޮތުގައި ބަލައިގެންފައިވާ ވަރުގަދަ ޝަޙުސިއްޔަތެއް ކަމަށެވެ.

މަނާޢީގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވާރުންގެ ތެރޭގައި ހިމެނޭ މުހިންމު ބަޔަކު ޝަހީދު ކޮށްލުމާ ގުޅިގެން، ޤައުމު ހިންގުމަށް ވަގުތީ މަޖިލީހެއް މިހާރު ވަނީ އެކުލަވާލައިފައެވެ.

ވަގުތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުންނަކީ އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން، އުއްތަމަ ފަނޑިޔާރު ޣުލާމް ޙުސައިން މުޙްސިން އީޖީ އަދި ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ އީރާންގެ އެންމެ މަތީ މަޖިލީހުގެ މެންބަރު، އާޔަތުﷲ ޢަލީ ރިޟާ ޢަރަފީއެވެ.

އީރާނުގެ ޤާނޫނުއަސާސީގެ ދަށުން، 88 މެންބަރުންގެ މައްޗަށް އެކުލެވޭ ތަޖުރިބާކާރުންގެ މަޖިލީހަކުން އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރަންދެން، އީރާންގެ ވެރިކަން ހިންގާނީ އެ ކައުންސިލުންނެވެ.

ޚާމަނާޢީ ޝަހީދުކޮށްލުމާ ގުޅިގެން އެ ކަމުގެ ބަދަލުހިފުގެ ގޮތުން އައިއާރްޖީސީން ވަނީ އެމެރިކާއާއި ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. މި ގޮތުން، މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށާއި ޔަހޫދީ އިސްރާއީލުގެ ތެލް އަވީވްގައިވާ އަސްކަރީ މަރުކަޒުތަކަށް އައިއާރުޖީސީން ވަނީ ޙަމަލާދީފައެވެ.