ކާޑު ސަބްސިޑީ ދެއްވުމުގައި ގެންގުޅުއްވާ އުޞޫލުގެ ސަބަބުން، ސަބްސިޑީ ޙައްޤުނުވާ އެތައް ބަޔަކު އޭގެ ބޭނުން ހިފާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އެ ސަބްސިޑީ ލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑުލާއި، ހަކުރާއި ފުށް، ހެޔޮއަގެއްގައި ރައްޔިތުންނަށް ފޯރުވައިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ބޮޑު ސަބްސިޑީއެއް ދެއްވައިގެން މިބަވާތްތައް ކޮންޓްރޯލް އަގެއްގައި ވިއްކަވަމުންނެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ސަބްސިޑީ އެންމެންނަށް ލިބޭ ގޮތަށް ދޫކޮށްފައި އޮތުމުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް އޭގެ ބޭނުން ހިފާ ކަމަށެވެ.
img:http://s2.psmnews.mv/images/660x400/14744579594149.jpg|ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ފުށް ބަސްތާއެއް- ފޮޓޯ: ޕީއެސްއެމް
ގާތްގަނޑަކަށް 310 މިލިއަން ރުފިޔާ ކާޑު ސަބްސިޑީއަށް މިއަހަރުގެ ބަޖެޑްގައި ހިމަނާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ސަޢީދު ވިދާޅުވި، ކާޑު ސަބްސިޑީގެ ބޭނުން ހިފާ ފަރާތްތަކުގެ ތެރެއިން، 24 އިންސައްތައަކީ ބިދޭސީން ކަމަށާއި، 17 އިންސައްތައަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ކަމަށްވާއިރު، ކާޑު ސަބްސިޑީގެ ބޭނުން ހިފާ ފަރާތްތަކުގެ ތެރެއިން ދިވެހިންގެ އަދަދަކީ 59 އިންސައްތަ ކަމަށެވެ.
ޔޫއެންޑީޕީގެ ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓާ ޙަވާލާދެއްވައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދުވާލަކު 22 ރުފިޔާގެ ދަށުގެ އާމްދަނީއެއް ލިބޭ މީހުންގެ ލިސްޓްގައި ހިމެނެނީ 42،000 މީހުން ކަމަށާއި، ސަރުކާރުގެ މިފަދަ ސަބްސިޑީތައް ޙައްޤުވާ ފަރާތްތަކަކީ އެ 42،000 މީހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކާޑު ސަބްސިޑީ ދިނުމުގެ އުޞޫލު މިހާރަށްވުރެ ހަރުދަނާކުރެއްވިއްޖެ ނަމަ ސަރުކާރުން ކާޑު ސަބްސިޑީއަށް ކުރައްވާ ހޭދައިގެ ބޮޑު ބައެއް ސަލާމަތްކުރެވި، އެ ފައިސާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/14744579863455.jpg|އެސްޓީއޯގެ ކާޑު ގުދަން- ފޮޓޯ: ޕީއެސްއެމް
އަހަރެއްގެ މައްޗަށް ރާއްޖެއަށް 21 ޓަނު ހަނޑުލާއި، 16 ހާސް ޓަނު ފުށް އަދި 8500 ޓަނާއި 9000 ޓަނާއި ދެމެދުގެ އަދަދަކަށް ހަކުރު އެތެރެކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގެއްގައި ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ފޯރުވައިދެއްވުމަށްޓަކައި އާދައިގެ ހަޑުލަށް 137 މިލިއަން ރުފިޔާގެ، ސަބްސިޑީއެއް ހަމަޖައްސާފައިވާ އިރު، ގޮދަން ފުށަށް 91 މިލިއަން ރުފިޔާ ސަބްސިޑީއެއް ހަމަޖައްސަވާފައިވެއެވެ. އަދި ހަކުރަށް 80 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ސަރުކާރުން އަންނަނީ ދެއްވަމުންނެވެ.
ސަބްސިޑީ ނުހިމަނައި ކާޑުގެ ބާވަތްތައް ރާއްޖޭގައި ވިއްކާނަމަ ހަނޑޫކިލޯއެއް ލިބޭނީ 10 ރުފިޔާއަށް ކަމަށާއި ފުށްކިލޯއެއް 5 ރުފިޔާއަށް ލިބޭއިރު ހަކުރު ކިލޯ އެއް ލިބޭނީ 13 ރުފިޔާއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް ރާއްޖޭގެ ބާޒާރުގައި ކާޑުގެ ބާވަތްތައް ލިބޭ އަގުތަކަށް ބަލާއިރު، ހަނޑޫ ކިލޯއެއް 3.90ރުފިޔާ، ފުށް ކިލޯއެއް 2.98 ރުފިޔާ އަދި ހަކުރު ކިލޯއެއް ލިބެނީ 4 ރުފިޔާއަށެވެ. މިއަގުތަކަކީ، ސަރުކާރުން ސަބްސިޑީ ދެއްވައިގެން ކޮންޓްރޯލް އަގެއްގައި ވިއްކަމުން ގެންދާވާތީ ރާއްޖޭގެ ބާޒާރުން މިތަކެތި ލިބެމުންދާ އަގުތަކެވެ.