ޚަބަރު

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


  • މަޑަވެލި ފަޅުން 35 ހެކްޓަރުގެ ބިން ހިއްކާނެ

  • މިއީ 174.5 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އާ ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އެ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙްމަދު ސަޢުދީއެވެ.

ގދ. މަޑަވެލީ ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 400 ދުވަހުން ނިންމާ ގޮތަށް 174.5 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން 19.17 ހެކްޓަރުގެ ބިންހިއްކައި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމާއެކު މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ގއ. މަޑަވެއްޔަކީ ބިމުގެ ގޮތުން ދަތިކަން ކުރިމަތިވެފައިވާ ރަށެއް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ ކޯޒްވޭ މަޝްރޫޢަށް ބަދަލުތަކެއް އައުމާއި ގުޅިގެން 8 ހެކްޓަރުގެ ބިން ހިއްކުމަށް މިހާރުވެސް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް އެރަށަކީ އާބާދީގޮތުން ބޮޑު ރަށަކަށްވުމުގެ އިތުރުން ބިމުގެ ދަތިކަން އޮތް ރަށަކަށްވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް މިރަށުގައި އިތުރު 27 ހެކްޓަރުގެ ބިން ހިއްކުމަށް މިހާރު މިވަނީ އަނެއްކާ އެމްޓީސީސީއާ ޙަވާލުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މިހާރު ކުރިން ޙަވާލުކޮށްފައިވާ 8 ހެކްޓަރުގެ ބިމުގައި އީއައިއޭ މަސައްކަތް ކުރެވި އެމްޓީސީސީ މާ ލަސްތަކެއްނުވެ ބިން ހިއްކުމަށްޓަކައި މޮބިލައިޒް ކުރާނެ. މަސައްކަތް ކުރިއަށްދާއިރު 27 ހެކްޓަރުގެ ބިމާއި އެއްކޮށް 35 ހެކްޓަރުގެ ޕްރޮޖެކްޓު ނިމިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއީ މަޑަވެއްޔަށް ދިމާވެފައި އޮތް ބިމުގެ ދަތިކަން ޙައްލުވާނެ ކަމެއް ކަަމަށެވެ. ވަޒީރު ވިދާޅުވީ، މިހާރު 35 ހެކްޓަރުގެ ބިން ހިއްކި ނަމަވެސް އިތުރަށް ބިން ހިއްކުމަށް ސަރުކާރުން ޕްލޭން ކޮށްފައިވާ ކަމަށެވެ.