ޚަބަރު

އެފްއޭއެމް ފުޓްސަލް ލީގާއެކު ފުޓްސަލް ޤައުމީ މުބާރާތްވެސް މިއަހަރު


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ފުރަތަމަ ފުޓްސަލް ލީގު މި އަހަރު އޮންނާނެކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ނިންމާލުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ، މީގެކުރިން ފުޓްސަލް އަކީ ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުން ކުރިއަށްދާ މުބާރާތަކަށް ނުވާތީ ދިމާވާ ދަތިތަކެއް ހުރި ކަމަށެވެ.

އެހެންނަމަވެސް މިހާރު ސީދާ އެފްއޭއެމް އިން އެ ކުޅިވަރާ ހަވާލުވެފައި ވުމުން، އެ ކުޅިވަރު ކުރިއެރުވުމަށް ވެސް އެފްއޭއެމް އިން ބުރަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޠާރިޤް އިތުރަށް ވިދާޅުވީ، ޤައުމީ ފުޓްސަލް މުބާރާތަކާއި ފުޓްސަލް ލީގެއް ކުޅެން މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ބަޖެޓު ވެސް ފާސްކޮށްފައިވާ ކަމަށެވެ.

"މިހާރު އެފްއޭއެމް އިން މި އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާނެ އަދި ބަޖެޓުވެސް ފާސްވެގެން ދިޔައިރުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތް ބޭއްވުމަށްޓަކައި އަދި ފުޓްސަލް ލީގު ވެސް ފެށުމަށްޓަކައި މި އަހަރުގެ ކަލަންޑަރުގައި ހިމެނިގެން ގޮސްފައިވާނެ". ޠާރިޤް ވިދާޅުވިއެވެ.

އެފްއޭއެމް އިން މި އަހަރުގެ ކަލަންޑަރު އަދި އާންމުކޮށްފައި ނުވާއިރު، މި މުބާރާތްތައް އޮންނާނެ ސީދާ ތާރީޚެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ރަސްމީ ސިފައެއްގައި ރާއްޖޭގައި ފުޓްސަލް ކުޅެން ފެށިތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، އެފްއޭއެމްގެ ހިންގުމާ ޠާރިޤް ހަވާލުވެވަޑައިގެންނެވުމާ ހަމައަށް ވެސް ފުޓްސަލްގެ ކަންކަން ކުރިއަށް ދިޔައީ އެފްއޭގެ ބެލުމުގެ ދަށުންނެއް ނޫނެވެ.

އެހެންނަމަވެސް އައު ޒައާމަތާއެކު ފުޓްސަލްއަށް ވެސް ދޭންޖެހޭ މަގާމު ހޯދައިދިނުމަށް ކުރި މަސައްކަތާއެކު، ފުރަތަމަ ފަހަރަށް އެފްއޭގެ ބެލުމުގެ ދަށުން، ރާއްޖޭގެ ފުރަތަމަ ރަސްމީ ޤައުމީ ފުޓްސަލް ޓީމު އެކުލަވާލައި، މި އަހަރު ޖެނުއަރީ މަހުގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވަނީ ވާދަކޮށްފައެވެ.

އެފްއޭއެމްއާއި ސަރުކާރުން ކުރި މަސައްކަތުން ޤައުމީ ފުޓްސަލް ޓީމު މި މުބާރާތަށް ފުރީ، އޭގެކުރިން މަސް ދުވަހު ޗައިނާގައި ތަމްރީނު ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުޓްސަލްގެ ޤައުމީ ޓީމަށް ބިދޭސީ ކޯޗަކު އައްޔަންކުރީ ވެސް މި ޒައާމަތުގެ ތެރެއިންނެވެ.

މި ކަންކަމުގެ އެހީގައި، ތައިލެންޑުގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން އުފުލާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގައި ކަން ފާހަގަކޮށްލެވެއެވެ.