ޚަބަރު

ހަނގުރާމައިގެ ނިވަލުގައި ޔަހޫދީން ޣައްޒާގައި ޤަތުލްޢާއްމު ހިންގަނީ


އީރާނާ ދެކޮޅަށް އެމެރިކާ އާ ގުޅިގެން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ތެރޭގައި ވެސް، ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން މަޑުޖެހުމެއްނެތި ޔަހޫދީންގެ ދަޢުލަތުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިގޮތުން، ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ޢުދުވާނު ފެށިފަހުން، ޣައްޒާއަށް ދިން އެންމެ ވަރުގަދަ ޙަމަލާތަކުގައި ހަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުންޏެވެ. އޭގެތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

އެ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ، ފަލަސްޠީނުގެ ގެދޮރު ގެއްލިފައިވާ ރައްޔިތުން ބައިތިއްބާފައިތިބި ވަގުތީ ހިޔާއަކަށް ކަމަށާއި، އެ ނިރުބަވެރި ޙަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

އީރާނަށް ދިން ޙަމަލާއާ އެކު މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ލިބޭ ސަމާލުކަން ވަނީ ކުޑަވެފައެވެ.

އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ ޣައްޒާއަށް ތެލާއި މުދާ ވެއްދުމަށް ޔަހޫދީން ވަނީ ހުރަސްއަޅައިފައެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދޭނެ މަގުތައް ބަންދުވެފައިވާއިރު އެ ސަހަރުގައި އަނެއްކާ ވެސް ބަނޑުހައިހޫނުކަން ފެތުރުމުގެ ބިރު ވަނީ އުފެދިފައެވެ.

ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް މިހާތަނަށް ޣައްޒާގެ 640 ރައްޔިތުން ޝަހީދުވެ 1،600އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި މިހާތަނަށް 72،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.