ޚަބަރު

"ކޮމަންވެލްތަކީ ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމުގެ މަންސައެއް"


  • ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗު 9 ގައި

  • ކޮމަންވެލްތުގެ ތެރެއިން ރާއްޖެއަށް ގިނަ އެހީތަކެއް ލިބޭ

ކޮމަންވެލްތަކީ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލައި އެއަށް ޢަމަލީ ސިފަ ގެނެސްދޭ މަންސައެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ކޮމަންވެލްތު ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނުގައެވެ.

ކޮންމެ އަހަރެއްގެވެސް ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ، މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރަކީ "ފާގަތި ކޮމަންވެލްތަކަށް އެންމެން ގުޅިގެން ފުރުސަތުތައް ފަހިކުރުން" އެވެ. ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ މި ޝިއާރަކީ ކޮމަންވެލްތުގެ އާއިލާގެ މެދުގައިވާ އެއްގޮތް އުސޫލުތަކާއި މަޤްޞަދުތަކާ ގުޅިލާމެހިފައިވާ ޝިއާރެއް ކަމަށެވެ.

މިޖަމާޢަތަށް 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ޖަމާޢަތް މިއަދު ދެމިއޮތީ ބަދަލުވަމުންދާ ދުނިޔޭގެ މަސްރަހުގައި އުއްމީދު ގެނުވާ ޖަމާޢަތެއްގެ ގޮތުގައި ކަމަށް ވަޒީރު ޚާރިޖީ ވިދާޅުވިއެވެ. އަދި ކޮމަންވެލްތުގެ އެއްބައިވަންތަކަމާއި ސިންދަފާތުކަމަކީ، ގޮންޖެހުންތަކުން އަރައިގަތުމަށާއި ހުރިހާ މެންބަރު ގައުމުތަކަކަށް ދެމެހެއްޓެނިވި ފާގަތިކަން ކަށަވަރުކޮށްދޭނެ އާ ފުރުސަތުތައް ހޯދައިދިނުމަތް އޮތް އެންމެ ބޮޑު ބާރު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ޤައުމުގެ ކުޑަބޮޑުމިނެއް ބެލުމެއް ނެތި ހުރިހާ މެންބަރު ޤައުމަކަށް އޮތް ފުރުސަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ކޮމަންވެލްތަކީ ރާއްޖެ ފަދަ ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށްދީ، ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު އިސްކޮށްދޭ ޖަމާޢަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ޤައުމުތަކުން އަޑުއުފުލާ ކަންކަމަށް ޢަމަލީ ސިފަ ގެނެސްދިނުމަށް އެޖަމާޢަތުގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ކުރާ މަސައްކަތްތަކުގައި ކޮމަންވެލްތުގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަމަށް ހަރުދަނާކުރުމަށް ކޮމަންވެލްތަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. ދުނިޔޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތައް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޚަލީލް ވަނީ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު ހާސިލުކުރެވިފައިވާ ކަންކަމާ މެދު ފަހުރުވެރިވުމުގެ އިތުރުން، މިއަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ ފަދަ ހަރަކާތްތެރި މަންސައެއްގެ ގޮތުގައި ކޮމަންވެލްތު ބޭއްވުމަށް އަޅުގަނޑުމެން ވެފައިވާ އިގުރާރު އާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ މެންބަރު ގައުމުތަކަށް ފާގަތި އަދި އުންމީދީ މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި، ކޮމަންވެލްތުގައި ހަރަކާތްތެރި ދައުރެއް އަދާކުރުމަށް ރާއްޖެއިން ވެފައިވާ އިގުރާރު މިއަދުވެސް އާކުރާ ކަމަށް ވިދާޅުވިއެވެ.

ކޮމަންވެލްތަކީ 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ވަކިވުމަށްފަހު ދިވެހިރާއްޖެ އަލުން އެ ޖަމާޢަތާއި ގުޅުނީ 2020 ވަނަ އަހަރު ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަލުން އެޖަމާޢަތާއި ގުޅުމާއެކު ދިވެހިރާއްޖެއަކީ މިހާރު އެ ޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމެވެ.