ޚަބަރު

ޕެނަލްޓީ ޖަހައިގެން ބްރެންޓްފޯޑް ބަލިކޮށް ވެސްޓެހޭމް ކުއާޓަރ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ވެސްޓްހޭމް ޔުނައިޓެޑް އިން ހޯދައިފި އެވެ.

ވެސްޓްހޭމް ޔުނައިޓެޑް އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާ އަކުންނެވެ.

ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި ޖެރޮޑް ބޮވެން ވަނީ ލަނޑެއް ޖަހާ ވެސްޓްހޭމް އަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ނުވަ މިނިޓު ފަހުން ބްރެންޓްފޯޑް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިގޯ ތިއާގޯ އެވެ.

މި މެޗުގައި ވެސްޓްހޭމް ޔުނައިޓެޑް އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖެރޮޑް ބޮވެން އެވެ.

ބްރެންޓްފޯޑް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 9 މިނިޓަށް ވެފައިވަނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީ އަކުން އިގޯ ތިއާގޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން އިތުރު ވަގުތުގެ 30 މިނިޓު ކުޅުނު ނަމަވެސް އިތުރު ވަގުތުގައި އެއްވެސް ލަނޑެއް ޖެހިފައިނުވާތީ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ވެސްޓްހޭމް ޔުނައިޓެޑް އިން އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު މިއީ ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އެ ޓީމަށް މި މުބާރާތުގެ ކުއާޓަރ ފައިނަލުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.