މިމަހުގެ ފުރަތަމަ ހަފްތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި 2 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 01 ވަނަ ދުވަހުން ފެށިގެން މި މަހުގެ 07 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 55 މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގައި 494712.70 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. މީގެތެރެއިން 270070.40 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ، އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ 27 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާއި ގުޅުންހުރި މައްސަލަތަކާއި، އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، ތަފާތު ލިންކުތައް ފޮނުވައިގެންނާއި، ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.
އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 7 މައްސަލައަކާއި، އިމްޕަރސަނޭޝަންގެ 14 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގެ ގޮތުގައިވެސް 7 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމް ހިންގުމަށް ބޭނުންކޮށްފައިވަނީ، ފޯނު ކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރާ މަންސަތަކާއި، ފިޝިންގ ލިންކުތަކާއި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާ ނުކުރުމަށާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މުހިންމުކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ހަނު ހުރުމުގެ ބަދަލުގައި މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.