ޚަބަރު

ކުޑަކުދިން ރޯދަޔަށް ބޭތިއްބުން: ކެތްތެރިކަމާއި، ނިކަމެތިންގެ ޙާލަތު ދަސްވާނެ


  • ކުޑަކުދިން ރޯދައަށް ބޭތިއްބުމަކީ ދިވެހިން ވަރަށް އަހަމިއްޔަތުކަން ދޭކަމެއް

  • މިކަމުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގައި ރޯދަޔަށް އޮންނަ ލޯބި އިތުރުވާނެ

ކުޑަކުދިން ބޮޑުވަމުން އަންނައިރު، އަޅުކަންތަކަށް ލޯބިޖެއްސުމާއި އެކަންކަމަށް އާދަކުރުވުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އެއް ގުނަން ފަށާފައިވާއިރު، ދީނީ ކަންކަމަށް ކުޑަކުދިން އަހުލުވެރިކޮށް ހިތްޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުޑައިރުއްސުރެން ފެށިގެން ކުޑަކުދިން ރޯދަ ހިފުމަށް ފަރިތަ ކުރުވުމުގެ ގޮތުން އެކުދިން ރޯދައަށް ބޭތިއްބުމަކީ ދިވެހިންގެ އާދައެކެވެ.

ކުޑަކުދިން ރޯދަޔަށް ބޭތިއްބުމަކީ ހަމައެކަނި ދީނީ ވާޖިބެއް އަދާކުރުމެއް ނޫނެވެ. އެއީ އެކުދިންގެ ނަފްސު ތަރުބިއްޔަތުކޮށް، ކެތްތެރިކަން ދަސްކޮށްދޭ މުހިންމު ކަމެކެވެ. ފާހަގަކުރެވޭ އެއްކަމަކީ، ޢާއިލާތަކުގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން އަލަށް ނުވަތަ ރޯދަ ހިފުމަށް ގަދައަޅާ މަސައްކަތް ކުރާ ކުދިންގެ ހިތްވަރާއި އެކުދިންގެ ޝުޢޫރުތަކެވެ.

ދީނީ ގޮތުން ބަލާއިރު، ކުޑަކުދިން ބާލިޣުވުމުގެ ކުރިން އަޅުކަންތަކަށް ހޭނުވުމަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ ކަމެކެވެ. އެހެން ކަމުން އެކުދިންގެ މައްޗަށް ރޯދަ ފަރުޟުވާ އުމުރަށް ދާއިރު، މިކަމަށް ފަރިތަ ކުރުވިފައި ވާނަމަ އެއްވެސް އުނދަގުލަކާ ނުލައި ރޯދައިގެ މަތިވެރި އަޅުކަން ކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން އެކުދިންގެ ހިތުގައި މާތްﷲ އަށް އޮންނަ ލޯތްބާއި ބިރުވެތިކަން އިތުރުވެ، ދީނީ ކަންކަމަށް ދޭ ސަމާލުކަން ބޮޑުވެގެންދެއެވެ.

ދީނީ އިލްމުވެރިޔެއް ކަމަށްވާ އައްޝައިހް މޫސާ މުއިއްޒު ވަނީ ކުޑަކުދިން ރޯދައަށް ބޭތިއްބުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ ހަދީސްތަކުގެ އަލީގައި ކިޔައިދެއްވާފައެވެ.

"ބުޚާރީ އާއި މުސްލިމްގައި އައިސްފައިވާ ޞަޙީޙް ޙަދީޘްފުޅެއްގައިވެއެވެ ކީރިތި ރަސޫލާ ﷺ ގެ އަޞްޙާބު ބޭކަލުން، އެބޭކަލުންގެ ކުޑަކުދިން ރޯދައަށް ބައިތިއްބަވައެވެ. އަދި ބަނޑުހައިވެގެން ރޮއެފިނަމަ، އެކުދިންނަށް ކުޅޭތަކެތި ދީގެން އެކަން ހަނދާން ނައްތާލުއްވައެވެ." ޝޭހު މުއިއްޒު ވިދާޅުވިއެވެ.

މޫސާ މުއިއްޒު ވިދާޅުވީ ކުޑަކުދިން ރޯދައަށް ބޭތިއްބުމުގައި ވަރަށް މަތިވެރި މަޤްޞަދުތަކެއް ވާކަމަށެވެ.

"މިކަމުގައި ވަރަށް މަތިވެރި މަޤްޞަދުތަކެއްވޭ، ރޯދަ ފަރުޟު ކުރެއްވީ ﷲ އަށް ތަގުވާވެރި ވުމަށް އެހެންކަމުން ކުޑަކުދިން ރޯދަ ހިފުމަށް ފަރިތަކުރުވައި ކަމުގައިވާނަމަ، އެކުދިންނަކީ ﷲ އަށް ބިރުވެތިވާ، ތަޤުވާވެރި ބަޔަކަށް ވެގެންދާނެއެވެ. އަދި އެކުދިންނަށް ކެތްތެރިކަމާއި، ނިކަމެތިންގެ ޙާލަތު ދަސްވެގެންދާނެއެވެ". އައްޝައިހް މޫސާ މުއިއްޒު ވިދާޅުވިއެވެ.

ކުޑަކުދިން ރޯދަ ހިފުމަށް ފަރިތަކުރުވަން އެންމެ ރަނގަޅު އުމުރަކީ އެކުދިންނަށް ހެޔޮނުބައި ވަކިވާ އުމުރަށް ދިއުމުންނެވެ.

"އިބްނުލް ޤައްޔިމް އަދި އިބްނު ޤުދާމާ (رضي الله عنهم) ގެ ފޮތްތަކުގައި އެބޭފުޅުން ބަޔާންކުރައްވާފައިވެއެވެ. 4 ނުވަތަ 5 އަހަރުވުމުން 3 ގަޑިއިރު، ނުވަތަ 6 އަހަރުވުމުން 6 ގަޑިއިރު - މިފަދަ ތަދްރީޖީ (ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅާ) ގޮތަކަށް މިކަން ކުރަމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް".

ޞިއްޙީ ގޮތުން ވެސް ކުޑަކުދިން ރޯދަޔަށް ބައިތިއްބާއިރު ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އެގޮތުން ހާރުގަޑީގައި ހަށިގަނޑަށް ފައިދާހުރި ކާނާ ދިނުމާއި، ގިނައިން ފެން ބޯން ބާރުއެޅުން ހިމެނެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ހަކަތަ ހިފެހެއްޓުމަށްޓަކައި ކެއުމުގައި ކާބޯހައިޑްރޭޓް އަދި ޕްރޮޓީން ގިނަ ކާނާ ހިމެނުން މުހިންމު ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. ނަމަވެސް ކުއްޖާ މާ ބޮޑަށް ވަރުބަލިވާނަމަ ނުވަތަ ބަލިވާނަމަ ރޯދަ ދޫކޮށްލުމަށް އަންގަންވާނެއެވެ.

ރޯދަ ހިފުމަކީ ކުއްޖާއަށް ބުރައަކަށް ނުވާނޭހެން، އުފަލާއެކު ކުރާ ކަމަކަށް ހެދުމަށްޓަކައި އެކުދިންނަށް ހިތްވަރުދީ، ކުދިކުދި ހަދިޔާ ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ކުޑަކުދިން ރޯދަޔަށް ބޭތިއްބުމަކީ އެކުދިންގެ އަޚްލާޤާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތަކަށްވާއިރު މިކަން ކުރަންވާނީ ކުއްޖާގެ ޞިއްޙަތަށް ބަލައިގެންނެވެ. އޭރުން އެކުދިން ބޮޑުވެގެން އަންނާނީ އަޅުކަންތަކަށް ލޯބިކުރާ، ކެތްތެރި އަދި އަޚްލާޤު ރަނގަޅު، ނިކަމެތިންނާ މިސްކީނުންގެ ހާލަތު ތަސައްވުރު ކުރެވޭ އޯގާތެރި ބައެއްގެ ގޮތުގައެވެ.