ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް، ޚާއްސަކޮށް މާލެއާއި އުތުރުގެ ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް ދުންފުހުގެ އަސަރު ވަރަށްބޮޑަށް ކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައިވެސް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. ނަމަވެސް ތިންވަނަ ދުވަހު ވައި ސާފުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުުވެއެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ މިހަފުތާގެ މިދިޔަ ދުވަސްތަކާ އަޅާ ބަލާއިރު މިއަދު ރާއްޖޭގެ އެކި ސަރަޙައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުން ދައްކާ ގޮތުގައި، ހުރިހާ ހިސާބަކަށް ވެސް މިވަގުތު ވައިގެ ކޮލިޓީ ހުރީ އެވްރެޖުކޮށް 68 އަށްވުރެ މަތީގައެވެ. އަދި މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 113ގައެވެ. ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، ވިލިމާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 157 ގައެވެ.
އާންމު މިންގަޑުގައި އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ މޮޑަރޭޓް ލެވަލް އެވެ. އެހެންނަމަވެސް އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެއްކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 100 އަށްވުރެ މަތިވެއްޖެ ނަމަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވާނެ ކަމަށް ދިރާސާތަކުންވެސް ދައްކައެވެ.