ޚަބަރު

ބާސެލޯނާ އާއި ނިއުކާސަލް އެއްވަރު


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން އެ ޓީމުގެ ކުޅުން ރަގަޅުކޮށް ހަލަތަކެއް އުފައްދާފައިވާއިރު ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ނިއުކާސަލް އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ހާވޭ ބާރންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ލަނޑާއެކު ނިއުކާސަލްއަށް މި މެޗުން ކުރި ލިބުނު ކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ހަވަނަ މިނިޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ބާސެލޯނާ އިން އެއްވަރުކުރި ލަނޑަކީ ނިއުކާސަލްގެ މެލިކް ތިއާއޯ އޭރިޔާ ތެރެއިން ބާސެލޯނާގެ ޑެނީ އޮލްމޯ އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އެހެންކަމުން މި ނަތީޖާ އާއިއެކު ދެވަނަ ލެގަށް އަންނަ ހަފްތާގައި ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ނިކުންނައިރު ދެ ޓީމަށްވެސް ވަނީ ހަމަހަމަ ފުރުސަތުތަކެއް ލިބިފަ އެވެ.