ޚަބަރު

ގަލަޓަސަރާއީ އަތުން ލިވަޕޫލް ބަލިވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ތުރުކީގެ ގަލަތަސަރާއީ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 7 ވަނަ މިނިޓުގައި ގަލަތަސަރާއީގެ މާރިއޯ ލެމީނާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި ލެމީނާ ޖެހި ފުރަތަމަ ލަނޑެވެ.

މީގެ ފަސް އަހަރު ކުރިން ލިވަޕޫލް އާއި ފުލަމް ކުޅުނު މެޗެއްގައިވެސް ލެމީނާ ވަނީ ލިވަޕޫލް އަތުން ފުލަމް މޮޅުވި ލަނޑު ޖަހާފަ އެވެ.

މި މެޗުގެ 70 ވަނަ މިނިޓުގައި ލިވަޕޫލް އިން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. ޑޮމިނިކް ސޮބޮޒްލާއީ ނެގި ކޯނަރު ގަލަތަސަރާއީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަނުމުގެ ކުރިން ކޮނާޓޭގެ އަތުގައި ޖެހިފައިވާކަމަށް ބުނެ ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފަ އެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ވިކްޓަރ އޮސިމްހެން ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކުރި ނަމަވެސް ރެފްރީ ވަނީ މި ފަހަރުވެސް އެ ނިންމުން ބަދަލުކޮށްފަ އެވެ. އޮސިމްހެން ލަނޑު ޖެހިއިރު އެ ޓީމުގެ ބަރިސް އަލްޕާ ޔިލްމާޒް ވަނީ އޮފްސައިޑް ވެފަ އެވެ.

ގަލަތަސަރާއީ އަތުން ލިވަޕޫލް ބަލިވިއިރު މިއީ އެ ޓީމުގެ ކޯޗު އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު 100 ވަނަ މެޗެވެ.