ޚަބަރު

އިނގިރޭސިވިލާތުގެ ކައިލް ވޯކާ، ބައިނަލްއަޤުވާމީ ފުޓުބޯޅައިން ރިޓަޔަރކޮށްފި


  • ވޯކާ އިނގިރޭސި ޤައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރު

  • ޤައުމީ ޓީމަށް އޭނާ 96 މެޗު ކުޅެދީ، 1 ލަނޑު ޖަހާފައިވޭ

އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ޑިފެންޑަރު ކައިލް ވޯކާ، ބައިނަލްއަޤުވާމީ ފުޓުބޯޅައިން ނުވަތަ ޤައުމީ ޓީމުން ރިޓަޔަރކޮށްފިއެވެ.

އުމުރުން 35 އަހަރުގެ ވޯކާ ޤައުމީ ޓީމުން ރިޓަޔަރކުރިކަން ހާމަކޮށް އާންމުކުރި މެސެޖެއްގައި ބުނީ، މި ދަތުރަކީ ދުވަހަކުވެސް ހިތުން ފިލައިގެންނުދާނެ ފަދަ އިހުސާސަކާއި އެތައް ހަނދާންތަކެއް ގެނުވާނެ ދަތުރަކަށްވީ ނަމަވެސް، ހަޔާތުގެ އެ ޞަފްޙާއަށް މިހާރު ނިމުން އައީ ކަމަށެވެ.

މިއީ ނިންމަން ނުހަނު އުނދަގޫވީ، އެހާމެ ދެރަވި ނިންމުމެއް ނަމަވެސް، އިނގިރޭސި ޤައުމީ ޓީމާއެކު ހޯދުނު ހުރިހާ ކާމިޔާބީއަކާ މެދު ވެސް ފަޚުރުވެރިވާކަމަށް އޭނާ ބުންޏެވެ.

ވޯކާ އިތުރަށް ބުނީ، އިނގިރޭސި ފުޓުބޯޅައާ މެދު މީހުން ދެކޭގޮތް ބަދަލުކުރަން މަސައްކަތްތަކެއް ކުރި ކަމަށާއި، ޙާއްސަ ގޮތެއްގައި މީޑިއާއިން ދެކޭ ގޮތް ބަދަލުކޮށް، ޕްރެޝަރުން ސަލާމަތްވުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

ޤައުމީ ޓީމަށް ކުޅޭއިރު ޕްރެޝަރާ ވެސް ކުރިމަތިވާނެކަން ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ބާންލީއަށް ކުޅެމުން އަންނަ ކައިލް ވޯކާ، އިނގިރޭސި ސީނިއަރ ޤައުމީ ޓީމަށް ކުޅެން ފެށި 2011 ވަނަ އަހަރުން ފެށިގެންނެވެ. އިނގިރޭސި ޤައުމީ ޖާޒީގައި އޭނާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ސްޕެއިންއާ ދެކޮޅަށެވެ.

އޭނާ ވަނީ ޤައުމީ ޓީމަށް 96 މެޗު ކުޅެދީ އެއް ލަނޑުވެސް ޖަހައިދީފައެވެ. އެއީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔޫކްރެއިންއާ ދެކޮޅަށެވެ.

ވޯކާ ވަނީ 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އަދި 2016، 2020، 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި އިނގިރޭސި ޖާޒީގައި ކުޅެފައެވެ.

2020 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ޔޫރޯ ފައިނަލަށް އިނގިރޭސިން ގެންގޮސްދިނުމުގައި ވޯކާ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

ކައިލް ވޯކާ އޭނާގެ ސީނިއަރ ފުޓުބޯޅަ ކެރިއަރު ފެށީ 2008 ވަނަ އަހަރު ޝެފީލްޑް ޔުނައިޓެޑުންނެވެ. ފާއިތުވީ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި ބައެއް ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން ޓޮޓެންހަމް ހޮޓްސްޕަރ، މެންޗަސްޓަރ ސިޓީ އަދި ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ވެސް އޭނާ ކުޅެފައިވެއެވެ.