ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އޭގެ ސަބަބުން ވޯޓަރސް ޓާންއައުޓް، ނުވަތަ ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
ސިޔާސީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައިވާ މުޙައްމަދު ޝިހާބު މިހެން ވިދާޅުވީ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި ރައްޔިތުންގެ މަޖިލީހުގެ މިހާރު މި ހިނގާ ދައުރު ކުރު ކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށް ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ޕީއެސްއެމްގެ "ހޭލުން" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވިދާޅުވީ އިންތިޚާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރައްޔިތުންގެ ޝައުގުވެރިކަން އެކަމަކަށް ގެއްލޭނެ ކަމެއް ކަމަށެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާތަކުން މިކަން ހާމަވާ ކަމަށްވެސް ޝިހާބު ވިދާޅުވިއެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންނަށްވުރެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދު ކަމަށާއި މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންނަށްވުރެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުކަން ހިސާބުތަކުން އެނގެން އެބަހުރިކަން ފާހަގަކުރެއްވިއެވެ.
ޝިހާބު ވިދާޅުވީ ކޮންމެ އިންތިޚާބަކީވެސް މުހިންމު އިންތިޚާބަކަށްވާއިރު އޭގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމަށެވެ. އެހެންވެ، އެންމެ ބޮޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާން ނުކުންނަ ރައްޔިތުންގެ އަދަދު އިތުރުވެ، އެ ނިންމުންތަކުގައި ބަސް ބުނާ ރައްޔިތުންގެ އަދަދު އިތުރުވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިބާއްވަން ބޭނުންވާ އިންތިޚާބުތަކެއް އެއްކޮށްލެވިއްޖެއްޔާ އަޅުގަނޑަށް ހީވަނީ ރައްޔިތުން ނުކުތުން، ވޯޓަރ ޓާންއައުޓް މާ ރަނގަޅުވެގެންދާނެެހެން. އެކަމާ ޝައުގުވެރިކަން އިރުއިރުކޮޅާ އުފައްދައިގެން އެކަންތަކާ އުޅެން ގިނަބަޔަކު ބޭނުން ނުވެދާނެ. އެހެންނަމަވެސް ސިޔާސީ ލީޑަރުން ޝައުގުވެރިކަން ހުންނާނެ. އެކަމަކު އާންމު މެންބަރުން އެންތޫޒިއޭސްޓިކަލީ ނިިކުމެގެން މިކަންކަން ކުރައްވަން، ވޯޓާ ހަމައަށްދާން ދަތިތަކެއް ކުރިމަތިވެފައި ހަމަގައިމުވެސް އަޅުގަނޑުގެ ތަޖުރިބާގައި ހުރީ،" މުޙައްމަދު ޝިހާބު ވިދާޅުވިއެވެ.
ޝިހާބު މިހެން ވިދާޅުވެފައިވާއިރު އެކި އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ކަމާގުޅުންހުރި އެކި އިދާރާތަކުގެވެސް ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރުމަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައްވެސް އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
ޝިހާބު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ ޤައުމަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން، ގިނަ އިންތިޚާބުތަކެއް ވަކިވަކިން ބޭއްވުމަކީ ބޮޑެތި ޚަރަދުތަކެއް އެކި ދާއިރާތަކުން ހިނގާނެ ކަމެއް ކަމަށާއި އެކުގައި އިންތިޚާބުތައް ބާއްވައިފިނަމަ ޚަރަދުތައްވެސް ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންތިޚާބުތައް އެއް ދުވަހަކު ބޭއްވި ނަމަވެސް އޭގެ ސަބަބުން ރައްޔިތުންގެ ޙައްގު ނުގެއްލޭނެ ކަމަށާއި މިނިވަންކަމާއި ނުފޫޒުން އެއްކިބާވެތިބެ ވޯޓުލުމުގެ ޙައްގު އަބަދުވެސް ރައްޔިތުންނަށް ލިބޭނެކަމަށްވެސް މުޙައްމަދު ޝިހާބު ވިދާޅުވިއެވެ.