ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް


  • ކުޅުދުއްފުށީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމަށް ހަވާލުކުރީ އެމްޓީސީސީއާ

  • ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައި

ހދ. ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި އއ.ބޮޑުފުޅަދޫ ސިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ސިއްހީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި، ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފްއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އަލަށް އިމާރާތްކުރެވޭ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮަޕަރޭޝަން ތިއޭޓަރ، ސީއެސްއެސްޑީ އަދި މިނޫންވެސް ޚިދުމަތްތައް ހޮސްޕިޓަލުގެ އެހެން ތަނަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަޝްރުޢޫގެ ދެވަނަ ފިޔަވަހީގެ ދަށުން، އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ބޮޑުފުޅަދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ލައިކަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުން ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޤާސިމްއެވެ. ލައިކަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައިމަންއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، ބޮޑުފުޅަދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގައި، އޮފީސް، ޕަބްލިކް ހެލްތް ޔުނިޓް، ލެބޯޓްރީ، މީޓިންގ ހޯލް، ލޯންޑްރީ އަދު މެޑިކަލް އަދި ޖެނެރަލް ސްޓޯރ ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ދެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، މި ދެ މަޝްރޫޢަކީވެސް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދެ މަޝްރޫޢެއްގަ ސޮއިމިކުރެވުނީ. މި ވުޒާރާޢިން ކުރިއަށްގެންދަވަން ރާވާފަ ހުރި ކަންތަކުގެ ތެރެއިން އަތޮޅުތެރޭގަ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. އެއީ އއ.ބޮޑުފުޅަދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތާއި، ކުޅުދުއްފުށީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރުން". ވަޒީރު ވިދާޅުވިއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސިއްޙީ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ.