އީރާނުން ވޯލްޑް ކަޕް 2026 ބޮއިކޮޓް ކޮށްފިއެވެ.
އީރާނުގެ ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު ދޮންޔަމާލީ މިކަން އިއުލާނުކުރެއްވީ އެގައުމުގެ ގައުމީ ޓީވީގައެވެ. އޭނާ ވިދާޅުވީ ވޯލްޑްކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކާއި، އިސްރާއީލުން އީރާނުގެ ރޫޙީ ވެރިޔާ އާޔަތުﷲ ޢަލީ އަލްޚާމަނާއީ ޝަހީދުކޮށްލުމާއި ގުޅިގެން ވޯލްޑްކަޕްގައި އެގައުމުން ބައިވެރިނުވާނެ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފެށީ މީގެ ދެ ހަފްތާ ކުރިންނެވެ. އަދި ޚާމަނާއީ ޝަހީދުކޮށްލާ، ގަލްޕު ސަރަހައްދު ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލާފައެވެ.
އީރާނުގެ ކުޅިވަރު ވަޒީރު ދޮންޔަމާލީ ވިދާޅުވީ، "އެމެރިކާގެ ފަސާދަ ވެރިކަމުން އީރާނުގެ ވެރިޔާ ޝަހީދުކޮށްލުމާއި ގުޅިގެން އީރާނަށް ވޯލްޑްކަޕްގައި ބައިވެރި ވެވޭނެ އެއްވެސް ހާލަތެއް ނެތް" ކަމަށެވެ.
އޭނާ ވިދާޅުވީ އީރާނުގެ ކުދިންނަށް ރައްކާތެރިކަމެއް ނެތް ކަމަށާއި، މިފަދަ ހާލާތެއްގައި ގައުމު އޮތްއިރު ވޯލްޑް ކަޕްގައި ބައިވެރިނުވޭނެ ކަމަށެވެ.
މިފަދަ އަނިޔާވެރިކަމެއް އިރާނާއި ދެކޮޅަށް އެމެރިކާއިން ހިންގާއިރު އެމެރިކާއިން ފާއިތުވި ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި ދެ ހަނގުރާމައާއި ކުރިމަތިލާން އީރާނަށް ޖައްސައިފި ކަމަށާއި، އެތައް ހާސް މީހުން ޝަހީދުކޮށްފި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެހެންކަމުން އަހަރެންމެންނަށް ހަމަ ޔަގީނުންވެސް ހާޒިރެއް ނުވެވޭނެ" ދޮންޔަމާލީ ވިދާޅުވިއެވެ.
48 ޓީމާއެކު ވޯލްޑް ކަޕް ބާއްވަން ނިންމާފައިވަނީ ޖޫން 11 ން ޖުލައި 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. ފީފާއިން މިދިޔަ ހަފްތާގައި އެޓްލާންޓާގައި ބޭއްވި ވޯލްޑް ކަޕްގެ ތައްޔާރީތަކާއި ގުޅޭ ސަމިޓްގައި ބައިވެރިނުވާ ހަމައެކަނި ގައުމަކީވެސް އީރާނެވެ.
ފީފާއިން ވޯލްޑް ކަޕަށް ކަނޑައަޅާފައިވާ ގަވާއިދު ބުނާ ގޮތުން އެއްވެސް ޓީމަކުން މަދުވެގެން ފުރަތަމަ މެޗުގެ 30 ދުވަސް ކުރިން މުބާރާތުން ވަކިވާނަމަ އެ ޓީމެއް 320،8000 (ތިންސަތޭކަ ވިހި ހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ. އަދި ކުރިމަތިވާނެ ފިއްތުންތަކުގެ ތެރޭގައި އޭގެ ފަހުން ބާއްވާ ފީފާ މުބާރާތްތަކުން ވަކިކުރުން ނުވަތަ އޭގެ ބަދަލުގައި އެހެން ފަރާތަކަށް ފުރުސަތު ދިނުން ހިމެނެއެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން ވޯލްޑް ކަޕްގައި ބައިވެރިނުވިޔަސް އޭނާއަށް ވަރިހަމަ ކަމަށެވެ. އެހެންނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނީ ވިދާޅުވީ ޓްރަމްޕާއި އެކު ބިނާކުރަނިވި މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށާއި، ޓްރަމްޕް އެމެރިކާއިން، އީރާން ޓީމަށް މަރުހަބާ ކިޔާނެ ކަމަށެވެ.