އީރާނުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ޙާމަލާތައް ހުއްޓައިލުމަށް ގޮވާލައި ޤަރާރެއް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދަލަށް އަމާޒުކޮށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ބަޙްރައިންއާއި ކުވައިތާއި ޢުމާންއާއި ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތަށް އީރާނުގެ ޙަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ. އަދި ޢުރުދުންނަށް ވެސް ދަނީ ޙަމަލާ އަމާޒުވަމުންނެވެ.
އެ ޙަމަލާތަކާ ގުޅިގެން ގަލްފް ކޯއޮޕަރޭޝަން ކައުންސިލް، ޖީސީސީގެ ފަރާތުން ބަޙްރައިނުން ވަނީ އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފައެވެ. އެ ޤަރާރަށް އދގެ މެންބަރު ޤައުމުތަކުގެ ތެރެއިން 135 ޤައުމުން ތާއީދުކޮށްފައިވެއެވެ. އީރާނުގެ ޙަމަލާތައް ކުށްވެރިކޮށްފައިވާ އެ ޤަރާރުގައި ބުނީ އީރާނުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ބުރޫ އަރާ ކަމަށެވެ. އީރާނުން ގަލްފުގެ ޤައުމުތަކަށާއި ޢުރުދުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން
ވަގުތަށް ހުއްޓާލުމަށް ވެސް އެ ޤަރާރުގައި ގޮވާލާފައިވެއެވެ. އަދި އެ ޤައުމުތަކުގެ އިސްތިޤުލާލަށް ކަމޭހިތުމަށް ގޮވާލާފައިވެއެވެ.
އެ ޤަރާރު ފާސް ކުރުމާ އެއްކޮޅަށް ސަލާމަތީ މަޖިލީހުގެ 13 ޤައުމަކުން ވޯޓު ދީފައިވެއެވެ. އަދި އެއްވެސް ޤައުމަކުން އެ ޤަރާރާ ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ. ނަމަވެސް ޗައިނާއާއި ރަަޝިޔާއިން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ދެ ޤައުމުން ވޯޓުގައި ބައިވެރި ނުވި ނަމަވެސް ޤަރާރު ބާޠިލް ކުރުމަށް އެ ޤައުމުތަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްފައެއް ނުވެއެވެ.
އެ ޤަރާރާ ގުޅިގެން އދއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު އާމިރް ސަޢީދު އިރަވާނީ ވިދާޅުވީ އެ ޤަރާރު ފާސްކޮށްފައި ވަނީ ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. އަދި މި ޙާލަތުގައި ހަޤީޤީ ޝިކާރައަކަށް ވެފައި ވަނީ އީރާން ކަމަށް އޭނާ ވިދާޅުވިއެވެ.