ޚަބަރު

އީރާނުން މަޝްވަރާގެ މޭޒަށް އަލުން ގޮސްދާނެކަމުގެ އިޝާރާތެއް


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދެމުންދާ މި ދަނޑިވަޅު
ގައި އީރާނުން އަނެއްކާ ވެސް މަޝްވަރާގެ މޭޒުގެ ދޮށަށް ދިޔުން އެކަށީގެންވާ ކަމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިއަން އިޝާރާތް ކުރައްވައިފިއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ރައްދުގައި އީރާނުން ދަނީ ޔަހޫދީ ދައުލަތަށާއި، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަޒުކަޒުތަކަށާއި މުދަލަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ. އަދި ގޭހާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފައެވެ. އެއާއެކު މީން ޒަމާނަކު ނުއުފުލޭ ވަރަށް ތެލުގެ އަގުތައް ވަނީ އުފުލިފައެވެ.

ހަނގުރާމައިގެ މި ޙާލަތުގައި ޕީޒިޝްކިއަން ވަނީ ރަޝިޔާއާއި ޕާކިސްތާނުގެ ލީޑަރުންނާ ފޯނު މެދުވެރިކޮށް ވާހަކަ ދައްކަވައިފައެވެ. އަދި ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން ޝަރުތުތަކަކާއެކު މަޝްވަރާ ކުރެވިދާނެ ކަމަށް އޭނާ ވިދާޅިވެފައިވެއެވެ. އޭނާ ވިދާޅުވީ ޒަޔަނިސްޓު ޔަހޫދީންނާއި އެމެރިކާއިން ފަށާފައިވާ ހަނގުރާމަ ހުއްޓައިލެވޭނީ އީރާނަށް ލިބިފައިވާ ހައްޤުތައް ބަލައިގަނެ، ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދީ، ދެން އެ ފަދަ ޙަމަލާއެއް ނުދޭނެ ކަމުގެ ބައިނަލްއަޤްވާމީ ޔަޤީންކަން ދޭ ނަމަ ކަމަށެވެ.