އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ދެމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
ދިގުރަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން 5 މީހަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 5 ފިރިހެނުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ 2 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައިވަނީ ފަރުވާ ދޭން ފަށާފައެވެ. އައިޖީއެމްއެޗުން ވިދާޅުވީ، މި ދެ މީހުންގެވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ދެމީހުންނަށްވެސް މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން މާލެއިން ޚާއްސަ ތަޙްޤީގު ޓީމެއް ދިގުރަށަށް މިހާރު ވަނީ ގޮސްފައެވެ. މި ތަޙުޤީޤު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ އަލިފާން ރޯވި އެކަމަޑޭޝަންގައި ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައި ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ރަސްމީ މައުލޫމާތެއް އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
"އަލިފާން ރޯވިކަމަށް ބުނެވެނީ ގޭސް ފުޅިއެއް ލީކުވެގެން ކަމަށް. މިހާރު ތަހުގީގު ޓީމުން މިރަށަށް އައިސް ތަހުގީގު ފަށާފައި މިވަނީ." އުސްމާން ވިދާޅުވިއެވެ.
މިޙާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 2:00 އެހައިކަންހާއިރުއެވެ.