ޚަބަރު

ޤައުމީ ޞަޤާފަތާއި ސަރަހައްދީ ބަދަހިކަން ދައްކުވައިދޭ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ


  • މި ލޯގޯ ފަރުމާކުރީ ދިވެހި މާކެޓިން އަދި އެޑްވަޓައިޒިން އޭޖެންސީއެއް ކަމަށްވާ ލޫޕްކްރާފްޓް އިން

  • މުބާރާތް އޮންނާނީ މި މަހުގެ 23 އިން އަންނަ މަހު 3 ގެ ނިޔަލަށް

  • ހުރިހާ މެޗެއް ވެސް ކުޅޭނީ މާލޭގައި

މި މަހު 23 ވަނަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރަސްމީކޮށް އާންމުކޮށްފިއެވެ.

މި ފަހަރުގެ މުބާރާތް އޮތީ ރާއްޖޭގައެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. އެފްއޭއެމް އިން މުބާރާތުގެ ލޯގޯ އާންމުކޮށް ބުނެފައިވަނީ، މި ލޯގޯ ފަރުމާކޮށްފައި ވަނީ ދިވެހި މާކެޓިން އަދި އެޑްވަޓައިޒިން އޭޖެންސީއެއް ކަމަށްވާ ލޫޕްކްރާފްޓް އިން ކަމަށެވެ.

މި ލޯގޯއަށް ފުރަތަމަ ނަޒަރު ހުއްޓުވުން މިއީ ހަތް ފިޔަލީ މަލެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ސިފަވެއެވެ. އެހެންނަމަވެސް ދިވެހި ތާރީޚާއި ސަޤާފަތް ދަންނަ ފަރާތްތަކަށް ނުވަތަ ދިިވެހިންނަށް ވެސް، ލޯގޯއަށް ބަލާލެވޭ ފުރަތަމަ ފަހަރުވެސް ސިފަވާނީ ފަނުން ވިޔެފައިވާ ފަންކަލެކެވެ.

ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ރަމްޒެކެވެ. އެކުވެރިކަމާއި ބަދަހިކަމުގެ އެތައް "މެމޮރީ" އެކެވެ.

މި ލޯގޯއިން ރަމްޒުކޮށްދެނީ ހަމައެކަނި ރާއްޖޭގެ ސަގާފަތާއި ތާރީޚެއް ނޫނެވެ. ސަރަހައްދީ ހަތް ގައުމެއްގެ މެދުގައި ކުޅޭ މި މުބާރާތުގެ ލޯގޯއިން، ގައުމުތައް ގުޅިފައިވާ މިންވަރާއި، މި ސަރަހައްދަކީ "ޓްރޮޕިކަލް" ސަރަހައްދެއްކަން ވެސް ހާމަކޮށްދެއެވެ.

ލޯގޯގެ ކޮންމެ ފިޔަ އަކުން، ބައިވެރިވާ ޤައުމުތަކުގެ ކުލަތަކާއި ރަމްޒުތައް ދައްކައިދެއެވެ.

މި މަހު 23 ވަނަ ދުވަހު މާލޭގައި ފަށާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން، އިންޑިއާ، އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ނޭޕާލް އަދި ބޫޓާނެވެ.

މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.