ޚަބަރު

ދެވަނަ ލެގުގައި ކަމްބެކެއް ހަދައި ރެއާލް ކަޓުވާލަން ވަރަށް އުނދަގޫވާނެ: ގާޑިއޯލާ


  • ފުރަތަމަ ލެގުން ސިޓީ ބަލިވީ 0-3 ގެ ނަތީޖާއަކުން

  • ދެވަނަ ލެގު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުން ބަލިވެފައިވާއިރު، ދެވަނަ ލެގުގައި "ކަމްބެކް" އެއް ހަދައި ރެއާލްގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ހޯދަން ވަރަށް އުނދަގޫވާނެކަމަށް މެންޗަސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި ކުޅެ ސިޓީ ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފައެވެ

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، ހީކުރިވަރަށް ވުރެ ރެއާލްގެ ކުޅުން މާ މޮޅު ކަމަށާއި އެ ޓީމުން ދެއްކީ ތައުރީފު ހައްގު ކުޅުމެއް ކަމަށެވެ. އަދި ސިޓީ މިހާރު އޮތް ހާލަތާއި، މިފަހުން ކުޅޭ މެޗުތަކުގައި ދައްކާ ކުޅުމަށް ބަލައި، މި ބުރުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް ބަލިކުރުން އެއީ ވަރަށް އުނދަގޫކަމަކަށް ވާނެކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

ފުރަތަމަ ލެގުގައި ހެދުނު ގޯސްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، ޓީމެއްގެ ގޮތުގައި ބޯޅަ ހިފަހައްޓައިގެން ކުޅެން މެޗުތެރޭގައި ސިޓީގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ހާއްސަ ގޮތެއްގައި ބޯޅަ ގެއްލޭ ކޮންމެ ދަނޑިވަޅެއްގައި ރެއާލްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކޮށް، ފުރުސަތުގެ ބޭނުން ހިފާފައިވާކަން އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން ސިޓީގެ ކުޅުންތެރިން ގޯލާ ދިމާލަށް ފޮނުވާލާ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ރެއާލްގެ ކީޕަރު، ތިބޮއު ކޯޓުއާ ތަފާތުދައްކާފައިވާކަން ވެސް އޭނާ ފާޙަގަކުރިއެވެ.

މެޗުގައި ސިޓީއަށް ލަނޑުޖަހަން ހުސް ފުރުސަތުތަކެއް ލިބިފައިވާއިރު، ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލަން ލިބުނު ފަހަރުތަކެއްގައި ވެސް ކޯޓުއާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، ބޯޅަ ގޯލަށް ވަނުމަށް ހުރަސް އަޅާފައެވެ.

މުބާރާތުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ސިޓީ ބައްދަލުކުރާ މެޗު އޮންނާނީ ސިޓީގެ ދަނޑުގައި، އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައެވެ. މި މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.