ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް، އެ ޓީމުގެ މިހާރުގެ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭގެ ގައިގައި ފުރިހަމައަށް އެބަހުރިކަމަށް އެ ޓީމުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ އަލްވާރޯ އާބެލޯއާ ބުނެފިއެވެ.
ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލް އިން ވަނީ ވާދަވެރި މެންޗަސްޓަރ ސިޓީގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
މި މެޗުގައި ރެއާލްގެ ތިން ލަނޑު ވެސް ޖަހައިދީ، ވަލްވާޑޭ ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ.
ވަލްވާޑޭ ދެއްކި ކުޅުމާ ގުޅޭގޮތުން މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާބެލޯއާ ބުނީ، ވަލްވާޑޭއާ މެދު ވަރަށް ހިތްހަމަޖެހި އުފާވާ ކަމަށާއި، އެންމެފުރަތަމަ ދުވަހުން ފަށައިގެން ވަލްވާޑޭއާ ދެއްކި ވާހަކަތަކާއި، ކުރިއަރުވަން ބާރު އެޅުމުގެ ގޮތުން ދެއްކި ހަރުކަށިކަމުގެ ސަބަބުން، އޭނާދެކެ ވަލްވާޑޭ ރުޅިއައިސް ހިތްހަމަނުޖެހޭނެކަމަށް ހީކުރި ކަމަށެވެ.
އެހެންނަމަވެސް، އެއާ ހިލާފަށް، ވަލްވާޑޭ ބެލީ ހިތްވަރުލައި، މޮޅު ކުޅުމެއް ދެއްކޭތޯ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ވަލްވާޑޭ އަކީ، 21 ވަނަ ގަރުނުގެ ހުއަނީޓޯ ގޮމޭޒްއަށް ވެފައިވާކަމަށް އާބެލޯއާ ބުންޏެވެ.
ހުއަނީޓޯ އަކީ 1977 ވަނަ އަހަރާއި 1987 ވަނަ އަހަރާ ދެމެދު ރެއާލް އަށް ކުޅުނު ފޯވާޑެކެވެ. އޭނާ ވަނީ ރެއާލްއާ އެކު ފަސް ފަހަރަށް ލަލީގާ ކާމިޔާބުކޮށް، ދެ ފަހަރަށް ޔޫއެފާ ކަޕް ކާމިޔާބުކޮށްފައެވެ.
އާބެލޯއާ ބުނީ ވަލްވާޑޭ އަކީ ހުއަނީޓޯ ފަދައިން، ރެއާލް މެޑްރިޑުގެ ފަޚުރުވެރި ޖާޒީ ލުމަށް، އެއަށްވުރެ ވަކި ހައްގު އެހެން ކުޅުންތެރިއަކު ނެތްފަދަ، ރެއާލްގެ ކުޅުންތެރިއެއްގެ ގައިގައި ހުންނަންޖެހޭނެ ހުރިހާ ސިފައެއް ހަމައަށް ހުރި ލީޑަރެއް ކަމަށެވެ.
ވަލްވާޑޭ މެޗުގައި ދެއްކި މޮޅު ކުޅުމާމެދު ފަޚުރުވެރިވާ ކަމަށާއި، ސިޓީ އަތުން ހޯދި ފުރިހަމަ މޮޅުގެ ފަހަތުގައި ވަނީ ވަލްވާޑޭ ދެއްކި ހިތްވަރާއި، ކުރި މަސައްކަތާއި ދެއްކި މޮޅު ކުޅުންކަމަށް ވެސް އާބެލޯއާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ވަލްވާޑޭގެ ތިން ލަނޑާއެކު ސިޓީ އަތުން ރެއާލް މޮޅުވިއިރު، މި ބުރުގެ ދެވަނަ ލެގުގައި ސިޓީއާ ދެކޮޅަށް ރެއާލް ނުކުންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ މެޗު ކުޅޭނީ ސިޓީގެ ދަނޑުގައެވެ.