ޚަބަރު

ފަހު 15 މިނެޓާ ޖެހެންދެން ޗެލްސީން މޮޅަށް ކުޅުނު، މިއީ ހިތްދަތި ބައްޔެއް: ރޮޒީނިއާ


  • މެޗުން ޗެލްސީ ބަލިވީ 2-5 އިން

  • ފަހު 15 މިނެޓާ ޖެހެންދެން ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ފްރާންސާއި ޔޫރަޕުގެ އެންމެފަހުގެ ޗެމްޕިއަން، ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ފަހު 15 މިނެޓާ ޖެހެންދެން ޗެލްސީގެ ކުޅުންތެރިން މޮޅަށް، ވާދަވެރި ކުޅުމެއް ކަމަށާއި މެޗުން ލިބުނީ ހިތްދަތި ބައްޔެއްކަމަށް ޗެލްސީގެ ކޯޗު ލިއަމް ރޮޒީނިއާ ބުނެފިއެވެ. މެޗުން ޗެލްސީ ބަލިވީ 2-5 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަވަގުތުގެ ފަހު 15 މިނެޓާ ޖެހެންދެން ކަހަލަ ގޮތަކަށް ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. އެހެންނަމަވެސް، ފުރިހަމަވަގުތުގެ ބާކީ 15 މިނެޓާއި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ޕީއެސްޖީން ވަނީ ތިން ލަނޑު ޖަހައި މެޗުން މޮޅުވެ، ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފައެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮޒީނިއާ ބުނީ، ދިމާވި އެންމެ ބޮޑު މައްސަލައަކީ، މީގެކުރިން ވެސް ފާހަގަކުރެވިފައިވާ ގޮތަށް، މެޗުގެ ފަހުކޮޅަށް ގޮސް، ލީޑުގައި އޮވެ، ނުވަތަ އެއްވަރުވެގެން ވިޔަސް މެޗު ނިންމާނުލެވުމުގެ މައްސަލަ ކަމަށެވެ. އެކަން ރަނގަޅު ނުކުރެވުން އެއީ ކޯޗުގެ ޒިންމާއެއް ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ރޮޒީނިއާ ބުންޏެވެ.

މިފަދަ ޕްރެޝަރު މެޗުތަކުގައި، އެފަދަ ދަނޑިވަޅުތަކުގައި ޓީމު ހަމަޖެހިގެން ކުޅެން ޖެހޭނެ ކަމަށާއި، އެހެންނަމަވެސް އެކަން ވެސް ކުޅުންތެރިންގެ ފަރާތުން މެޗުތެރެއިން ނުފެނުން އެއީ ކޯޗު ނަގަންޖެހޭ ޒިންމާއެއްކަމަށް ރޮޒީނިއާ ބުންޏެވެ.

ކަން މިހެން އޮތް ނަމަވެސް، ދެން އޮތް އެންމެ މުހިންމު ކަމަކީ، ޓީމުގެ ބަދަހިކަން ބޮޑުކޮށް، ސަޕޯޓަރުންވެސް ޓީމުގެ ފަހަތުގައި އޮވެ ދެވަނަ ލެގަށް ނުކުތުންކަމަށް ރޮޒީނިއާ ބުންޏެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅެ އެ ޓީމުން ޗެލްސީގެ މައްޗަށް މި މޮޅު ހޯދިއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ކުރިމަތިލާނީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައެވެ. އެ މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.