ޚަބަރު

އާސިމްގެ އަޒުމް: ފޮޓޯގްރަފީގައި އެންމެ މަތީ ހަރުފަތަށް ދިއުން


  • ފޮޓޯގްރަފީ ދަތުރު ފެށީ 2014 ވަނަ އަހަރު

  • ހޮބީއެއްގެ ގޮތުގައި ކުރަން މިފެށި މިކަން، މިހާރު ދިރިއުޅުމުގެ މުހިންމު ބަޔަކަށް

ކެމެރާއެއް ހިފައިގެން ފުރަތަމަ ފަހަރަށް ޝޫޓަކަށް ނިކުތް ދުވަހު، ފޮޓޯ ނެގުމަކީ ކޮންކަހަލަ ކަމެއްކަންވެސް ރަނގަޅަށް ނޭނގެއެވެ. އެހެންނަމަވެސް، ލެންސުން އެ ފެނުނު ދުނިޔެ އޭނާގެ ހިތް ފަތަހަކޮށްލިއެވެ.

ފޮޓޯގްރަފީގެ ދާއިރާގައި މިއަދު ފާހަގަކޮށްލެވޭ ޒުވާން ތަރިއެއްކަމުގައިވާ ޢަބްދުﷲ އާސިމްގެ ވާހަކައަކީ، ހިތްވަރާއި ޝައުގުވެރިކަމުން ފެށިގެން ކާމިޔާބާ ހަމައަށް ދެވޭކަން ސާބިތުކޮށްދޭ ހިތްވަރު ދިނުމުގެ ވާހަކައެކެވެ.

ހޮބީއަކުން ފެށިގެން ކެރިއަރަކަށް!

އާސިމްގެ ފޮޓޯގްރަފީ ދަތުރު ފެށިގެން ދިޔައީ 2014 ވަނަ އަހަރެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ޕްރޮފެޝަނަލް ފޮޓޯގްރަފަރަކަށް ވުމުގެ ޚިޔާލެއް ނެތްކަމަށް އާސިމް ބުންޏެވެ. ބޭނުންވީ ހަމައެކަނި ރީތި ފޮޓޯ ނެގުމުގެ ހިތްހަމަޖެހުން ހޯދަންކަން އޭނާ ފާހަގަކުރިއެވެ.

"2014 އޮގަސްޓުގައި ފުރަތަމަ ކެމެރާ ގަތީ. އެ ހިސާބުގައި ޕްރޮފެޝަނަލީ މިކަން ކުރާނަމޭ ހިތަކަށްވެސް ނާރާ. ހަމައެކަނި ހޮބީއެއްގޮތަށް ރީތި ފޮޓޯ ނަގަން ބޭނުންވީ." ހިނިތުންވަމުން އާސިމް ކިޔައިދިނެވެ.

އާސިމް ފުރަތަމަ ކެމެރާ ގަތީ ވެސް ފިހާރައެއްގައި މަސައްކަތްކޮށްގެން ލިބުނު ފައިސާ ރައްކާކޮށްގެންނެވެ. ކިތަންމެ ކުޑަ ފެށުމެއް ނަމަވެސް، ހިތްވަރާ ޝައުގުވެރިކަން ހުރިނަމަ ކޮންމެ ދިމާލަކުންވެސް ފެށިދާނެ ކަން، އާސިމްގެ ވާހަކަތަކުން ހެކިދެއެވެ.

ފުރަތަމަ ޝޫޓް: ކުރުނބާ މޯލްޑިވްސް

އާސިމްގެ ކެމެރާ ލިބުމާއެކު، ފުރަތަމަ ޝޫޓަށް ދިޔައީ ކުރުނބާ މޯލްޑިވްސްއަށެވެ. ދިޔައީ ހަމަ އެކަނި ކެމެރާ ހިފައިގެން ނޫނެވެ. އާސިމް ދިޔައީ، ފޮޓޯގްރަފީގެ ދުނިޔެ ތަޖުރިބާ ކޮށްލުމުގެ ފޮނި ހިތްވަރާ ވެސް އެކުގައެވެ.

"ފުރަތަމަ ދިޔައިރު ހަމަ ނޭނގެ ކެމެރާ ހިފަހައްޓާކަށްވެސް. ކިހިނެތްކަމެއްވެސް ނޭނގޭ. ހަމަ ގޮސް ފޮޓޯ ނަގަން ފެށީ." ހިނިތުންވަމުން އޭނާ ކިޔައިދިނެވެ.

ފޮޓޯނެގުމުގެ ހިތްވަރެއްގެ ގޮތުގައި ރަހުމަތްތެރިޔާ ސޮއްޓިގެ ނަން އޭނާ ފާހަގަކުރިއެވެ. ސޮއްޓިއަކީ، ފޮޓޯ ނެގުމުގެ ދާއިރާއަށް ވަންނަން ފުރަތަމަ ދުވަހުން ފެށިގެންވެސް، ބޮޑު ހިތްވަރެއް ދިން ފަރާތެއްގޮތުގައި އާސިމް ބުންޏެއެވެ.

"ސޮއްޓިއަކީ ފޮޓޯގްރަފީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް. ސޮއްޓިއަކީ ހަމަ ތެދަށް ބުނަންޏާ، ފޮޓޯ ނެގުމަށް ލިބުނު އެންމެ ބޮޑު އިންސްޕިރޭޝަން. ފުރަތަމަ ޝޫޓްގައި ނެގި ފޮޓޯތަކުން ހިތަށް ވަން ޝައުގުވެރިކަން ހަމަ ދެން ދޫކޮށެއްނުލެވުނު." ހިނިތުންވުމަކާއެކު އާސިމް ބުންޏެވެ.

ފުރަތަމަ ޝޫޓަށް ފަހު، ސޮއްޓި ކައިރީ ފުރުސަތެއް ލިބިއްޖެ ނަމަ ގުޅައްޗޭ ބުނިކަމަށް އާސިމް ފާހަގަކުރިއެވެ. ދެ ޒުވާނުންގެ ގުޅުން ހިތްވަރާ ޝައުގުވެރިކަމުގެ ތެރެއިން ބަދަހިވެ، މިއަދު ދެ މީހުންނަކީ ފޮޓޯގްރަފީ ދާއިރާގެ ހިތްވަރުގަދަ ދެ ޕާޓްނަރުންނެވެ. ދެ ޒުވާނުން ގުޅިގެން ހުޅުވި ސްޓޫޑިއޯއަކީ، ހަމައެކަނި އެމީހުންގެ ހުވަފެނެއް ހަގީގަތަކަށް ވުމެއް ނޫނެވެ. އެ ސްޓޫޑިއޯ ވެގެން ދިޔައީ، ފޮޓޯގްރަފީ ދާއިރާއަށް ވަންނަ ހިތްވާ ޒުވާނުންނަށް ހުޅުވިގެންދިޔަ ދޮރަކަށެވެ.

"މި ސްޓޫޑިއޯ ހުޅުވީ ހަމައެކަނި ތިމަންނަމެން ފޮޓޯ ނަގަން ނޫން. ފޮޓޯ ނަގަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ހުޅުވާލެވިފައި ހުރި ތަނެއް. އަޅުގަނޑުމެންނަށް ފެށިގެން އައިއިރުު ނުލިބި ހުރި ފުރުސަތު، ދެން ވަންނަ ކުދިންނަށް ހޯދައިދޭން ބޭނުންވީ." އާސިމް ކިޔައިދިނެވެ.

ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުން

ކޮންމެ ކާމިޔާބެއްގެ ފަހަތުގައިވެސް ވަނީ ގޮންޖެހުންތަކެކެވެ. އާސިމްގެ ދަތުރުގައިވެސް ގޮންޖެހުންތައް ހުރިކަމަށް، ހިތްހެޔޮ ހިނިތުންވުމަކާއެކު ކިޔައިދިނެވެ.

"ކެރިއަރ ފެށިގެން ދިޔަ ހިސާބުން ފެށިގެންވެސް ގޮންޖެހުންތައް ދިމާވި. ނަމަވެސް، ކޮންމެ ގޮންޖެހުމަކީ ދަސްވާ ފިލާވަޅެއްގެ ގޮތުގައި ބަލައިގަތީ." އާސިމް ކިޔައިދިނެވެ.

އާސިމް ފާހަގަކުރެއްވި ގޮތުގައި ކެރިއަރ ފެށިގެން ދިޔަ ދުވަސްވަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ފޮޓޯގްރަފީ ދާއިރާ ބަލައިގަތުން ކުޑަ ވުންކަމަށެވެ. ފޮޓޯ ނެގުމަކީ ހަމަ ރަނގަޅު ކެރިއަރެއް ކަމަށް ގިނަ ބަޔަކު ދެކިގެން ނެތް ދުވަސްވަރެއްގައި، ހިތްވަރާ ޝައުގުވެރިކަމާއެކު ކުރިއަށް ދިޔުމަކީ ފަސޭހަ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރިއެވެ.

"ކުރިން ވަރަށް ގިނަ ބަޔަކު ދެކުނީ ފޮޓޯ ނެގުމަކީ ހަމަ ހޮބީއެއްގެ ގޮތަށް. ޕްރޮފެޝަނަލް ދާއިރާއެއްގެ ގޮތަށް ބަލައިގަތުން ވަރަށް ކުޑަ. ނަމަވެސް، ހިތްވަރު ދޫކޮށްލާ ހިތެއް ނުވި. ކޮންމެ ދުވަހަކުވެސް ކުރިއަށް ދިޔައީ." ހިތްވަރާ ޔަގީންކަމާއެކު ބުންޏެވެ.

ނަމަވެސް، ދުވަސްތައް ފާއިތުވެ ދިޔަ ވަރަކަށް ހާލަތު ބަދަލުވި އެވެ. ފޮޓޯގްރަފީގެ ދާއިރާ ވެލިއު ކުރުން ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންކަމަށް އާސިމް ފާހަގަކުރިއެވެ.

"މިހާރު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެނޭ. ދާއިރާ ވެލިއު ކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ. ދެން ދެކެން ބޭނުންވާ ދުވަހަކީ، ހަމަ ތެދަށް ބުނަންޏާ، ދިވެހި ފޮޓޯގްރަފީ ދާއިރާ އިތުރަށް ކުރިއަރައިގެން ދާ ދުވަހެއް،" ހިތްހެޔޮ ރާގެއްގައި އާސިމް ބުންޏެވެ.

ޕެޝަން: ފިޔަވަޅުގެ ފަހަތުގައިވާ ހިތްވަރު

އާސިމްގެ ވާހަކައިން ފާހަގަވާ އެންމެ ޚާއްސަ ކަމަކީ، ފޮޓޯގްރަފީ ދެކެ ހުރި ލޯތްބެވެ. ފައިސާ ހޯދުމަށްވުރެ ބޮޑަށް، ފޮޓޯ ނެގުމަކީ ހިތުގެ ޕެޝަންއެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދިޔުމަކީ، ކާމިޔާބީގެ ސިއްރެވެ.

"ފޮޓޯގްރަފީ ދެކެ ލޯބިވެގެން، ހިތުގެ އެންމެ ފުންމިނުން ޝައުގުވެރިކަން ހުރެގެން ކުރި ކަމެއް މިއީ. ޕާކުތަކަށްވެސް ގޮސްފައި ހުންނާނެ. ގްރެޖުއޭޝަން ނިމޭ ގަޑިތަކަށް ގޮސްފައި ހުންނާނެ. ފޮޓޯ ޑެލިވަރ ކުރަން ގޭގެއަށްވެސް ދިޔައިން. ހިތްހަމަ ޖެހިގެން ކުރި ކަންތައް ހުރިހާ ކަމެއްވެސް." ހިތްހެޔޮ ހިނިތުންވުމަކާއެކު ކިޔައިދިނެވެ.

ފޮޓޯގްރަފީގެ ދާއިރާއަށް ވަންނަ ހިތްވާ ޒުވާނުންނަށް ދޭ ނަސޭހަތެއްގެ ގޮތުގައި، ފައިސާ ހޯދުމަށްވުރެ ބޮޑަށް ޝައުގުވެރިކަން ހުރެގެން ވަދެ، ހިތްވަރާއެކު ކުރިއަށް ދިޔުމަށް އާސިމް ބާރު އަޅައެވެ.

"ވަރަށް ގިނަ ކުދިން ހީކުރަނީ ވަރަށް ފަސޭހައިން ވަރަށް ގިނަ ލާރި ލިބޭނެ ކަމަށް. ނަމަވެސް، ލާރި ލިބޭ ހިސާބަށް ދެވެނީ ވަރަށް ގިނަ ދުވަހު،، ވަރަށް ގިނަ ގުރުބާންތަކެއް ވެގެން. ހިތްވަރާ ޝައުގުވެރިކަން ނެތި، ހަމައެކަނި ފައިސާ ހޯދަން ވަންނަ ކުދިން ވަރަށް ފަސޭހައިން ހުއްޓާލާ. ނަމަވެސް، ހިތްވަރާ ޝައުގުވެރިކަމާ ގޮވައިގެން ކުރިއަށް ދިޔުމުން، ހަމަ ޔަޤީނުންވެސް ކާމިޔާބު ވާނެ." ޔަޤީންކަމާ ހިތްވަރާއެކު ބުންޏެވެ.

ޒުވާން ޖީލަށް ފުރުޞަތު ހޯދައިދިނުން

ތިމާއަށް އެނގިފައި ހުރި އެއްޗެއް އެހެން މީހަކަށް ކިޔައިދިނުމަކީ އާސިމް ދެކޭގޮތުގައި ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އޭނާގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ދާއިރާއަށް ވީހާވެސް ގިނަ ޒުވާން ކުދިން ނެރެ، އެކުދިންނަށް މަގުދައްކައިދިނުމެވެ.

އާސިމް ޤަބޫލުކުރާ ގޮތުގައި ކޮންމެ ކަމަކީވެސް އޭގެއިން ލިބޭ ފިލާވަޅަކުން ދަސްވާ ކަމެކެވެ. އެހެންކަމުން، ރަނގަޅު ކަންކަން ބަލައިގަނެ، ގޯސްވާ ކަންކަން އިސްލާހުކޮށްގެން ކުރިއަށް ދިއުމަކީ އޭނާގެ އަޒުމެވެ.

"މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާނަމަ ވަރަށް ބައިވަރު މީހުންނާ ގުޅިގެން އުޅުން މުހިންމު. އަޅުގަނޑު މިހާރުވެސް ދަނީ މިކަމަށް ޝައުގުވެރިވާ ކުދިންނަށް ދަސްކޮށްދީ އެހީތެރިކަން ފޯރުކޮށްދެމުން،" އާސިމް ބުންޏެވެ.

ހޮބީއެއްގެ ގޮތުގައި ފެށި މި ދަތުރުގައި އާސިމް މިއަދު ހުރީ ފޮޓޯގްރަފީގެ އެންމެ މަތީ ހަރުފަތަށް ދިއުމުގެ ވަރުގަދަ އަޒުމެއްގައެވެ. އޭނާގެ މަސައްކަތުން ސާބިތުކޮށްދެނީ، ކިތަންމެ ކުޑަ ގޮތަކަށް ކަމެއް ފެށިނަމަވެސް، އިޚްލާސްތެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެކަމެވެ.