ޚަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ: މީހުން ސަލާމަތް ކުރަން ވަނީ ފާރު ތަޅާލައިގެން


  • ތަހުގީގު ޓީމު އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުން

  • މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީވެސް ބަނގްލަދޭޝް މީހުން

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، އެތަނުގައި ތިބި މީހުން ސަލާމަތް ކުރުމަށް އެ ގޭގެ ތެރެއަށް ވަނީ ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެތަނުގައި ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 01:57 ހާއިރު ކަމަށެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 އެހާއކަންހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ޚަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ހާލު ދެރަވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރު ކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ. މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝްގެ ރައްޔިތުންނެވެ.

އަދި އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ، ގާތްގަނޑަކަށް 02:30 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި ހާދިސާގެ މައުލޫމާތު މޭޖާ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކުރެވިފައިވާއިރު، މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމު މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ގޮސް މަސައްކަތް ފަށައިފައިވާ ކަަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.